ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އިއްޒުއްދީން އަލްގައްސާމް ބްރިގޭޑާއި އިޒްރޭލާ ދެކޮޅަށް ހަމަލަދޭ އައު އަސްކަރީ ޖަމާއަތް ކަމަށްވާ ލަޔަންސް ޑެން އިން ވަނީ އިއްޔެ އަސްކަރީ މައުރަޒެއް ބާއްވާފައެވެ.
އިއްޒުއްދީން އަލްގައްސާމް ބްރިގޭޑުން މައުރަޒު ބާއްވާފައި ވަނީ އުތުރު ޣައްޒާގެ ޖަބާލިއާ ކޭމްޕްގައެވެ.
ލަޔަންސް ޑެން އިން އަސްކަރީ މައުރަޒު ބާއްވާފައި ވަނީ ހުޅަނގު އައްސޭރީގެ ނާބުލުސްގައެވެ.
އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްގެ މައުރަޒު ބާއްވާފައި ވަނީ ހަމާސް އުފެދުނުތާ 35 އަހަރު ފާހަގ ކުރުމުގެ ގޮތުންނެވެ.
ލަޔަންސް ޑެންއިން މައުރަޒު އިންތިޒާމު ކުރީ އެޖަމާއަތުގެ ލީޑަރު މަރާލިތާ 40 ވުން ފާހަގަ ކުރުމުގެ ގޮތުންނެވެ.
ދެ ޖަމާއަތުންވެސް އިއްތިޒާމު ކުރި މައުރަޒުގައި އިސްލީޑަރުންނާއި އެކްޓިވިސްޓުން ތިބީ މޫނު ނިވާކޮށްގެންނެވެ. ގިނަ އަދަދެއްގެ އާންމުން ވަނީ ދެ މައުރަޒަށްވެސް ޒިޔާރަތް ކޮށްފައެވެ. މި މައުރަޒުގެ މަގްސަދަކީ ފަލަސްތީނުގެ މިނިވަންކަމަށް އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމަ ދެމެހެއްޓުމަށާއި ޒުވާން ޖީލަށް އަސްކަރީ ޙަރަކާތްތަކާއި އަސްކަރީ އުފެއްދުމުގެ މައުލޫމާތު ދިނުމަށް ބޭއްވި މައުރަޒެއްކަމަށް ދެ ޖަމާއަތުންވެސް ވެސް ބުންޏެވެ.
އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްގެ މައުރަޒުގައި އާންމުކޮށް ދައްކާލާފައި ހުރީ ރޮކެޓާއި އަސްކަރީ ޑްރޯން ތަކެވެ. އެ ސާމާނަކީ އެ ޖަމާއަތުން ޣައްޒާގައި އަމިއްލައަށް އުފައްދާ ސާމާނުތަކެވެ. އޭގެ ތެރޭގައި އެމް75 އަދި އެސް 50ގެ މިސައިލް ތަކާއި ޝިހާބް އަދި އަބާބީލް ޑްރޯންތައް ދައްކާލާފައި ވެއެވެ.
ހަމާސް އުފެއްދީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ޣައްޒާގެ އިޚުވާނުލްމުސްލިމޫންގެ ލީޑަރުން ނެވެ. އޭގައި އެންމެ ފާހަގަ ކުރެވޭ ލީޑަރަކީ 2004 ވަނަ އަހަރުގެ މާޗް މަހު އިސްރާއީލުން ޝަހީދުކޮށްލި ޝެއިޚް އަހުމަދު ޔާސީންއެވެ.
ލަޔަންސް ޑެން އިން އިންރތިޒާމު ކުރި އެމީހުންގެ އަމިއްލަ އުފެއްދުން ކަމަށްވާ ބަޑިތައް ދައްކާލުމުގެ މައުރަޒު ބާއްވާފައި ވަނީ އެ ޖަމާއަތުގެ ލީޑަރު ވަދީހު އަލްހޫހް ޝަހީދު ކޮށްލިތާ 40 ވަނަ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.