ގަލްފުގެ ގައުމުތަކުން ތެލާއި ގޭސް ގަތުމުގައި ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ، ޔުއާން އިން މުޢާމަލާތު ކުރެއްވުމަށް، ގަލްފުގެ ޤައުމުތަކުގެ ވެރިންގެ އަރިހުން ޗައިނާގެ ރައީސް ޝީޖިންޕިން އެދިވަޑައިގެންފި އެވެ. ރަސްމީ ގޮތުން ޗައިނާގެ ރައީސް މި ކަމަށް އެދިވަޑައިގަތަސް، މިއީ، ސަޢޫދީ ޢަރަބިއްޔާ އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށް އެމެރިކާ ތުހުމަތު ކުރެ އެވެ.

ސަޢޫދީ ޢަރަބިއްޔާ ވެސް ހިމެނޭ ގޮތުން ގަލްފުގެ ޤައުމުތަކަކީ ޗައިނާއިން ގިނަ އަދަދަކަށް މުދާ އިމްޕޯޓްކުރާ ޤައުމުތަކެކެވެ. މިހާރު އޮންނަ ގޮތުން ޗައިނާއިން އިމްޕޯޓްކުރާ މުދަލަށް ޗައިނާއަށް ދައްކަންޖެހޭ އަގު ވެސް އަދާކުރަން ޖެހެނީ، އެމެރިކާ ޑޮލަރުންނެވެ. އެއީ ބައިނަލްއަޤްވާމީ މުޅި މާލީ ނިޒާމަށް އެމެރިކާ އަތްގަދަކޮށްގެން އުޅޭ އެއް ސަބަބެވެ.

އެމެރިކާގެ މި އަޅުވެތިކަމުން ސަލާމަތް ވާނެ މަގެއް ހޯދަންޖެހޭކަން ދުނިޔޭގެ ޤައުމުތަކަށް ގަބޫލު ކުރެވޭތާ އެތަކެއް އަހަރު ވެފައި ވީ ނަމަވެސް، އިސްނަގައި އެކަމަށް މަސައްކަތް ކޮށްފި ޤައުމެއް ނުވަތަ ލީޑަރެއްގެ ދުވަސް ދުއްވާލުމަށް އެމެރިކާގެ ހުރިހައި ހަކަތައެއް މިހައިތަނަށް ވަނީ ބޭނުން ކޮށްފަ އެވެ. މި ގޮތުން ލީބިޔާގެ ކުރީގެ ލީޑަރ މުޢައްމަރުލްޤައްޛާފީ އަވަހާރަ ކޮއްލައި އެ ޤައުމު ފުނޑުފުނޑު ކޮއްލީ، އެފްރިކާގެ ވަކި ފައިސާއެއް އުފައްދައި އެ ފައިސާއަށް ތެޔޮ ވިއްކުމަށް އޭނާ މަސައްކަތްޕުޅު ކުރެއްވުމުންނެވެ. ހަމަ އެ ފަދައިން ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމް ޙުސައިން އަވަހާރަކޮށްލުމާއި، އެ ޤައުމު ސުންނާފަތި ކުރުމަށް އެމެރިކާއިން ހިންގި ހަނގުރާމަތަކާއި ޤަތުލުޢާންމުތައް ވެސް ގުޅެނީ ހަމަ ޑޮލަރުގެ ބާރު ކަނޑުވާލުމަށް އޭނާ ގެންގުޅުއްވި ވިސްނުންފުޅަށް ކަމަށް ބުނެވެއެވެ.

އަނެއްކާވެސް މިހާރު މި ކަމަށް ފާޅުގައި މަސައްކަތް ފެށިގެން މި އުޅެނީ، ރަޝިޔާއާއި ޔުކްރެއިނުން ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެމެރިކާގެ ބައިވެރިންނާއި އީޔޫ އިން ހައްދެއްނެތި އަޅަންފެށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެހެން ޤައުމުތަކަށް ލިބުނު ޢިބްރަތްތެރި ފިލާވަޅުތަކަށް ފަހުގަ އެވެ.

ކުރިން މި ކަމަށް ކުރެވުނު މަސައްކަތްތައް ވައިގައި ހިފާގޮތް ނުވީ، އެމެރިކާއިން އެ ޤައުމުތަކާ ދެކޮޅަށް ހިންގި ޢުދުވާންތަކަށް ސަޢޫދީ އަރަބިއްޔާގެ އެއްބާރުލުން ހޯދައި، އެ މީހުން ރުއްސައިގެން އެ ކަން ކުރުމުން، އެ ކަމާ އިދިކޮޅަށް ތެދުވާނެ ބާރުގަދަ ފަރާތްތައް ނެތުމުންނެވެ. ސަޢޫދީ ޢަރަބިއްޔާއަކީ ވިރާސީ ރަސްކަމެއް އޮންނަ ތަނަކަށް ވާތީ، ވެރިކަމުގެ މުގުލުގައި ގިނައިން ތިބެނީ ވަރަށް މުސްކުޅި ބޭފުޅުންނެވެ. ޚާންދާނީ ވެރިކަން ވެއްޓިދާނެ ކަމަށާއި، އީރާން ފަދަ ޝިޔަޢީ މަޛްހަބަށް ތަބާވާ ބާރުގަދަ ޤައުމަކުން ސަޢޫދީއަށް ޙަމަލަ ދީފާނެ ކަމުގެ ބިރުވެރި ވާހަކަތަކުން އެ ފަދަ ބޭފުޅުން ހެއްލުންތެރި ކުރުވައި އެމެރިކާ އެދޭ ކަންކަމަށް ރަސްގެފާނުގެ އާނބަސް ހޯދުން ވެފައި އޮތީ ދާދި ފަސޭހަ ކަމަކަށެވެ.

އޭރު އެހެން ކަންކަން އޮތް ނަމަވެސް މިހާރުގެ ސަޢޫދީ ޢަރަބިއްޔާގެ ޙަޤީޤީ ވެރިޔާ، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަކީ، މުސްކުޅިފުޅު ވެފައިވާ ރަސްރަސްކަލުންނަށް ބިރުދައްކައިގެން ކުރިހައި ފަސޭހައިން ޑީލް ނުކުރެވޭ ޒުވާން އަދި ގޮތްދޫނުކުރުމާއި ހަރުކަށި ކަމުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅަކަށް ވުމުންނާއި، ޖަމާލް ޚާޝުޤްޖީގެ މަރުގެ މައްސަލާގައި އޭނާ އާއި އެމެރިކާގެ މިހާރުގެ ވެރިންނާ ދެމެދު އޮތް ޒާތީ ދެކޮޅުވެރިކަމާއި، ރަޝިޔާއާއި ޗައިނާއިން ފާޅުގައި ޑޮލަރުގެ ނުފޫޒާ ދެކޮޅަށް މަސައްކަތްކުރާއިރު އިންޑިޔާއިން ވެސް އެ ކަމަށް ވާގިވެރިވާތީ، ކުރީފަހަރުތަކާއި ޚިލާފަށް އެމެރިކާއަށް މި ފަހަރު މިވަނީ މި ކަމުގައި ކޮޅުބެދިފަ އެވެ.