ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަމުން ދާއިރު، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަކީ އިޚުލާސްތެރި މަސައްކަތްތަކަކަށް ހަދަން ވަނީ ޖެހިފައި ކަމަށް މޯލްޑިވްސް ރިފޯމްމޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮރަޕްޝަން ހުއްޓުވުމަކީ ރައްޔިތުން އެކަމަށް އެދޭތީ، ނުވަތަ ޤާނޫނެއް އޮތަތީ އެކަނި ކުރާ ކަމަކަށްވުރެ، އިޚުލާސްތެރިކަމާއިއެކު، ޤައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިހިނގާ ރިޔާސީ ދައުރާ އަޅުގަނޑުމެންވެސް ހިމެނޭ ކޯލިޝަނުން ކުރިމަތިލީ ދައުލަތުގެ ހުރިހާ ވަޞީލަތްތަކާއި ބާރުތައް ވަކި މީހެއްގެ މުށުތެރޭގައި ގެންގުޅެމުން ދަނިކޮށް، އެކަން ބަދަލުކޮށް، ދެފުށްފެންނަ ސަރުކާރެއް ޤާއިމްކޮށްދިނުމަށް ވަޢުދުވެގެންނެވެ. ޚާއްސަކޮށް ކޮރަޕްޝަން ހުއްޓުވައި، ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ތަޙުޤީޤުކޮށް، ޒިންމާވަންޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށެވެ." އެމްއާރުއެމުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރާ ދެބަސްވާ ކޮންމެ ރަށުކައުންސިލެއް އެކުއެކީގައި ސަސްޕެންޑްކޮށް، ދިވެހި ރައްޔިތުން ބަލައިގަތް ލާމަރުކަޒީ ނިޒާމު ދިޔައީ ފުނޑާލަމުން ކަމަށް ވެސް އެމްއާރުއެމުން ބުނެފައިވެއެވެ. ސަރުކާރުން ހޯދަންޖެހޭ ކޮންމެ ޚިދުމަތެއް ހޯދުމަށް 'ހަދިޔާ ދޭންޖެހޭ' ސަގާފަތެއް ވެސް އޭރު އުފެދުނު ކަމަށް ބުނެފައިވެއެވެ. އަމިއްލަ ހަރުމުދާހެން ރާއްޖޭގެ ރަށްރަށުގެ 'ވަގު ޑީލްތަކުން' ބަޔަކު ދިޔައީ މިލިއަން ޑޮލަރުން ނަފާ ހޯދަމުން ކަމަށްވެސް ބުނެފައިވެއެވެ. ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ އެތައް ޕްރޮޖެކްޓެއް ދިޔައީ ހިންގަމުން ކަމަށް ވެސް ބުނެފައިވެއެވެ. އެ ކަންކަމާއި ސުވާލުކޮށް، ސަރުކާރުން ހިންގަމުންދިޔަ އެ ކޮރަޕްޝަނާއި ދެކޮޅުހަދާ ކޮންމެ މީހެއްގެ ދިރިއުޅުން ދިޔައީ ހަލާކު ކުރަމުން ކަމަށް ވެސް ބުނެފައިވެއެވެ.

"މިހާރު މި އޮތް ކޯލިޝަން ސަރުކާރަށް ރައްޔިތުން ކުރި އިތުބާރަކީ ކޮރަޕްޝަންގެ އެ ޢަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދާނެކަމަށް ޔަޤީން ކުރެވިގެން ކުރިއިތުބާރެވެ. އެހެން ނަމަވެސް، 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް ފެންނަނީ، އެ އަމާޒަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރަން ފެއްޓުނު ތަން އެކަންޏެވެ. އަދި ހިތާމަޔާ އެކު ފާހަގަ ކުރަން ޖެހެނީ އެކަން ކުރިޔަށް ދާތަން ނުފެންނަކަމެވެ. އެހެންކަމުން ރައްޔިތުން އެދެމުންދާ ގޮތަށް ދެފުށްފެންނަ، ކޮރަޕްޝަނާއި ދެކޮޅު ނިޒާމުތަކެއް ޤާއިމްކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ."

"ދައުލަތުގެ މުއައްސަސާ ތަކުން މިއަދު ޤަބޫލުކުރަންޖެހޭ ކަމަކީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ މުޢާމަލާތްތަކެއް ނޫންކަމެވެ. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނިހާޔަތަށް ގިނަކަމެވެ. އެގޮތުން، ސަރުކާރުގެ އިސް ފަރާތެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ނުފޫޒުގަދަ އެހެން ފަރާތެއްގެ 'އެހީ' އާއި ނުލައި މިއަދުވެސް އާސަންދަ އާއި އެންސްޕާގެ ޚިދުމަތްފަދަ ޚިދުމަތްތައް ކަށަވަރުކުރަން ދަތިކަން ރައްޔިތުން ޤަބޫލުކުރެއެވެ. ބޯހިޔާވަހިކަމާއި، ވަޒީފާއާއި އަސާސީ ޚިދުމަތްތަކަކީ ވަކި މީހަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ބާރު ލިބިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭ ބަޔަކު އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ."

ތިން ބާރު ވަކިވެ، މިނިވަން މުއައްސަސާތަކަކާއި ޒިންމާތަކެއް ހަވާލުކުރެވިފައިވާއިރު، އެއިން ކޮންމެ ބާރަކަށްވެސް އަދި ކޮންމެ މުއައްސަސާއަކަށްވެސް އެކި ފަރާތްތަކުން އެކި މިންވަރަށް ނުފޫޒު ފޯރުވަމުންދާކަމީ ސިއްރެއް ނޫން ކަމަށް ވެސް އެމްއާރުއެމުން ބުނެފައިވެއެވެ. ސަރުކާރު ހިންގުމާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ނިޒާމާއި، މިނިވަން މުއައްސަސާތަކުގައި ތިބި އެކި ފަރާތްތަކުން ފާޅުގައި އެކި ފަހަރުމަތިން އެ ތުހުމަތުތައް ވަނީ ކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ.