ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފިއެވެ. މިއީ ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެރަށުގައި ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފަރެސްމާތޮޑާގައި ކުރިޔަށްދާ އެކިއެކި ޙަރަކާތްތައް ބައްލަވައިލައްވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމާއި، ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެ ކަމަށް ވެެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާ ގދ. ފަރެސްމާތޮޑާ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މަސްވެރިންނާއިވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ. މީގެ އެރަށުގައި މިރޭ ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް އެމަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެއެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.