ކުރިއަށް އޮތް ރިޔާސީ އިންތިހާ ކާމިޔާބުކުރެވިއްޖެނަމަ، ގާނޫނަކުން ޒަކާތް ލާޒިލް ކޮށް ޒަކާތް ނުދައްކާ މީހުންނަށް އަދަބު ކަނޑައަޅުއްވާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޒް ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ޒަމީލު މިހެން ވިދާޅުވީ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ރިޔާސީ ސިޔާސަތު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޒަކާތަކީ، އިސްލާމް ދީނުގައި ލާޒިމު ކަމަކަށްވާއިރު ޒަކާތް ދިނުމަށް މިހާރު ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދެއްވާކަން ފާހަގަކުރައްވައި ޒަމީލު ވިދާޅުވީ ދަރަނި މެނޭޖުކުރެއްވުމަށް ކުރައްވާނެ އެންމެ މުހިންމު ކަމަކީ ޒަކާތް ނެގޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެއްވުންކަން ކަމަށް ޒަމީލް ވަނީ ވިދާޅުވެފައެވެ.

"ޒަކާތަކީ އިސްލާމް ދީނުގައި ފަރުޟަކަށް ވާއިރުގާ، ގާނޫނަކުން މިކަން ތަންފީޒަ ކުރެވިފައި ނެތީމަ ޒަކާތް ނުދައްކާގެން މިހާތަނަށް މިކަމަށް ފިތަވަޅެއް އެޅިފައެއް ނެތް. ފިޔަވަޅެއް ނުވެސް އެޅޭ. އިސްލާމީ ޝަރީއަތް އަޅުގަނޑުމެން އެހާ ސްޓްރިކްޓްކޮށް ގާއިމްކުރާ ގޮތަކަށް ނޫން އަޅުގަނޑުމެންގެ މަސްރަހު އޮތީކީ."
އަލްއުސްތާޒް ހަސަން ޒަމީލް

ހަމައެހެންމެ ޒަކާތް ނުދައްކައިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ހާމަކުރައްވައި ޒަމީލު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ގާނޫނަކުން ޒަކާތް ލާޒިލް ކޮށް ޒަކާތް ނުދައްކާ މީހުންނަށް އަދަބު ކަނޑައަޅުއްވާނެކަމަށެވެ. އަދި ޒަކާތުން ލިބޭނެ އާމްދަނީގެ އަންދާޒާއެއް މިވަގުތު ހެއްދެވިފައި ނުވި ނަމަވެސް ޒަކާތް ނެގުމަށް ގާނޫނަކުން ލާޒިމްކޮށްފިނަމަ ވަރަށް ބޮޑު އާމްދަނިއެއް ދައުލަތަށް ލިބޭނެކަމަށްވެސް ޒަމީލު ވަނީ ވިދާޅުވެފައެވެ.