އިއްޔެ އަކީ ރާއްޖޭގެ 42 ވަނަ މަސްވެރީންގެ ދުވަހެވެ. މިއަަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައެވެ.

އެރަށުގައި ބާއްވާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ އެރަށަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެރަށުގައި މިރޭ ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެއެވެ. އޭގެ އިތުރުން މިއަދު އެރަށުގައި މަސްވެރީނާ ބައްދަލުކުރައްވާނެވެ. އަދި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާނެއެވެ.

އެމަނިކުފާނު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ވެސް ފޮނުވައިފައެވެ. އޭގެ އިތުރުން އެ ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް ދުވަހުގެ ތަހުނިޔާ އެމަނިކުފާނުވަނީ ފޮނުވައިފައެވެ. އެމަނިކުފާނު ފޮނުވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ކަމަށެވެ. އޭގެ އިތުރުން މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ވެސް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.