މިދިއަ ނޮވެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީ 59.9 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ އޮތޯރިޓީ އަށް ލިބިފައިވަނީ 461 މިލިއަން ރުފިޔާއެވެ.
މީރާ އިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ބަލައިގަތް އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މަދުވެ، ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް ދަށްވުން ކަމަށެވެ. މިގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީވެސް ވަނީ ދަށްވެފައެވެ.
މިދިޔަ މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ އާމްދަނީގެ 66.9 ޕަސެންޓުު ނުވަތަ 308 މިލިއަން ރުފިޔާއެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 42 މިލިއަން ރުފިޔާއެވެ. މީގެއިތުރުން ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 19 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި 16.49 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 63.13 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.
އަދި މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 11.26 އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށް އެ އިދާރާއިން ބުނެއެވެ.