ގދ. ފަރެސްމާތޮޑާ ހިމެނޭ ސަރަހައްދަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރެވޭ ސަރަހައްދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު އެރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުން ދެންނެވި ހޫނު މަރުހަބާއަށްޓަކައި އެމަނިކުފާނުވަނީ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވަނީ އެ ރަށުގެ ތަރައްގީގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. މިއަދު މެންދުރުފަހު، ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެރަށު ކައުންސިލުން ވިދާޅުވީ މިސަރުކާރުން ފަރެސްމާތޮޑާގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކަމަށެވެ. އޭގެ އިތުރުން އެ ކައުންސިލުން އެންމެ އިސްކަންދޭ 7 ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅުއްވާފައިވާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވިދާޅުވިއެވެ.

އެކަންތައްތަކުގެ އިތުރުން ކައުންސިލް އިދާރައިގެ ޖާގައިގެ ދަތިކަމާއި، ކޮންފަރެންސް ހޯލެއް ނެތުމުގެ ދަތިކަމާއި، ފަރެސްމާތޮޑާގެ ބަނދަރުން އެއާޕޯޓަށް ދަތުރުކުރަން އޮންނަ މަގުހެދުމާއި، ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމާއި، ރަށުގައި ބޭންކިންގެ ޚިދުމަތް ގާއިމްކުރަން ބޭނުންވާކަމުކަމުގައި ކައުންސިލުން މިއަދު ވަނީ ރައީސަށް ދަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ވިދާޅުވީ ކައުންސިލުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާގުޅިގެން މަޝްވަރާކުރައްވައި އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށެވެ.