ރާއްޖޭގެ 42 ވަނަ މަސްވެރިންގެދުވަހުގުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގދ. ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ހޫނުމަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށު ބަނދަރު ސަރަހައްދަށް ގިނައަދަދެއްގެ ރައްޔިތުން އެއްވެފައިވެއެވެ. އެރަށުން އެމަނިކުފާނަށް އެރަށުން ދެންނެވި ހޫނުމަރުހަބާއަށްޓަކައި ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މަސްވެރީންގެ ދުވަހުގެ އިހްތިފާލް ތަކުގައި ބައިވެރިވުމަށް ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ މިއަދު މެންދުރުއެވެ. މެންދުރުފަހު އެމަނިކުފާނު ވަނީ އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފައެވެ. އޭގެއިތުރުން އެރަށުގައި ކުރިއަށްދާ މަސްވެރިކަމުގެ އެކްސްޕޯއަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ. އަދި މިރޭ ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީޖަލްސާ އެމަނިކުފާނު ޝަރަފުވެރި ކޮށްދެއްވާނެއެވެ. މި ދަތުރުފުޅަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.