މަސްވެރީންގެ ދުވަހުގެ އިހުތިފާލުތަކުގެ ތެރެއިން ގދ. ފަރެސްމާތޮޑާ މަސްވެރިންގެ ހިތުގެ އުދާސްތައް ރައީސުލްޖުމްހޫރިއްޔާ މިއަދު އަޑުއައްސަވައިފިއެވެ. މަސްވެރީންގެ އަޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެއްސެވީ ފަރެސްމާތޮޑާއަށް ވަޑައިގެން މަސްވެރީންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި މަސްވެރީންވަނީ ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، ކިރުވާމަހަށް ފައިސާ ލިބުންލަސްވާ ކަމުގެ ޝަކުވާ ރައީސަށް ދަންނަވައިފައެވެ. އޭގެ އިތުރުން އައިސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ފާހަގަކޮށް އެކަންކަން ވެސް މަސްވެރީން ވަނީ ރައީސާ ހިއްސާކުރައްވައިފައެވެ. އޭގެ އިތުރުން މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދިމާވާ ދަތިކަމުގެ ވާހަކަވެސް މަސްވެރީން ވަނީ ރައީސަށް ދަންނަވައިފައެވެ.

މަސްވެރީންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްޤީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެމަސައްކަތްކުރެވިފައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާ ހަމައަށް ހައްލުވެގެންދާނޭ ކަމަށެވެ. އޭގެއިތުރުން މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.