ގދ. ފަރެސްމާތޮޑާގައި މިހާރު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހާގުޅިގެން އެރަށުގައި ހުޅުވާފައިވާ "މަސްވެރިކަމުގެ އެކްސްޕޯ 2022" އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްމުހައްމަދު ސާލިހު ޒިޔާރަތް ކުރައްވައިފިއެވެ.

އެ ތަނަށް ރައީސް ޒިޔާރަތް ކުރެއްވީ މިއަދު މެންދުރުފަހުއެވެ. އެތަނަށް ވަޑައިގެން ރައީސް ވަނީ ސްޓޯލްތައް ބައްލަވާލައްވައިފައެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ އައު އުފެއްދުންތަކާއި ބެހޭ މައުލޫމާތު ވެސް އެމަނިކުފާނުވަނީ ހޯއްދަވާފައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ މި އެކްސްޕޯގައި، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އައު އުފެއްދުންތަކެއް ބާޒާރަށް ނެރެފައެވެ.

މި އެކްސްޕޯ ނުވަތަ މައުރަޒުގައި ޖުމްލަ 8 ސްޓޯލް ވަނީ ހުޅުވައިފައެވެ. އޭގެތެރޭގައި އެމްޓީސީސީ، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް، ސީގަލް ގުރޫޕް، ޕްރެޝާޓެކް މޯލްޑިވްސް، ބިގްފިޝް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، ނޫރާއްޖެ އަދި ފަރެސްމާތޮޑާ ކައުންސިލް ހިމެނެއެވެ.

މި އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ފަރެސްމާތޮޑާގައި ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބޭއްވި، މަސްކެނޑުމުގެ މުބާރާތް ޝަރަފްވެރިކޮށްދެއްވާފައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްކެނޑުމުގެ މުބާރާތުގައި 08 އަންހެން ބޭފުޅުންނާއި 04 ފިރިހެން ބޭފުޅުން ބައިވެރިވެފައިވެއެވެ.

މި އެކްސްޕޯ ބާއްވާފައިވަނީ ޑިސެންބަރު 9 އިން މިއަދު ހަވީރު 6:00 ގެ ނިޔަލަށެވެ. މައުރަޒު ބޭއްވީ ފަރެސްމާތޮޑާ ބަނދަރު ސަރަޙައްދުގައެވެ.