މިއަހަރުގެ މަސްވެރިންގެދުވަހާ ގުޅިގެން ގދ. ފަރެސްމާތޮޑާގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ސަފޫރާ އާދަމާއި އަސަދުﷲ އިބްރާހީމް ކާމިޔާބުކޮށްފިއެވެ.
މިއީ ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މުބާރާތަކެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފަށްޓަވައިދެއްވި މިމުބާރާތުގައި 8 އަންހެނުންނާއި 4 ފިރިހެނުން ބައިވެރިވެފައިވެއެވެ.
މުބާރާތުގައި ބައިވެރިވި އަންހެނުންގެ ތެރެއިން އެއްވަނަ ހޯދީ ސަފޫރާ އާދަމެވެ. ދެވަނަ ހޯދީ އިހުސާނާ އިބްރާހީމެވެ. ތިންވަނަ ހޯދީ ޖަމްޝީދާ އަހުމަދެވެ.
ފިރިހެނުންގެ ބައިން އެއްވަނަ ހޯދީ އަސަދުﷲ އިބްރާހީމެވެ. ދެވަނަ ހޯދީ ނަސްރުﷲ އެވެ. ތިންވަނަ ހޯދީ ނޫރުﷲ އެވެ. މަސްކެނޑުމުގެ މިމުބާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ޙަސަން ވަނީ ބައްލަވާލައްވައިފައެވެ.
މަސްވެރީންގެ ދުވަހާ ގުޅިގެން އެރަށުގައި ވަނީ ފަރުމަސްވެރިކަމުގެ މުބާރާތެއް ވެސް ބާއްވައިފައެވެ. އެ މުބާރާތުން އެއްވަނަ ހޯދައިފައިވަނީ ވަނަކުރު ލަކިއެވެ. ދެވަނަ ހޯދައިފައިވަނީ އެންޖެލްސް އީކުއޭޓަރއެވެ. ތިންވަނަ ހޯދައިފައިވަނީ މުހައްމަދު ރަޝީދު ޓީމެވެ. މި މުބާރާތުން އެއްވަނައަށްދިޔަ ޓީމަށް އަށްހާސް ރުފިޔާ ދެވަނަ ޓީމަށް ފަސް ހާސް ރުފިޔާ ތިންވަނަ ޓީމަށް ތިން ހާސް ރުފިޔާ ވަނީ އިނާމެއްގެ ގޮތުގައި ދީފައެވެ.