ރާއްޖޭގެ ތާރީޚުގައި މަސްކަނދުފަތި އަޅަން ފެށިފަހުން މިހާތަނަށް އެންމެގިނަ ކަނދުފަތި އަޅައިފައިވަނީ މިއަހަރު ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާގައި މިރޭ ބޭއްވި މިއަހަރުގެ މަސްވެރީންގެ ދުވަހުގެ ރަސްމީޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު މިހާތަނަށް ސަރުކާރުންވަނީ 30 ކަނދުފަތި އަޅައިދީފައި ކަމަށެވެ. "މިއީ މިހާތަނަށް އެންމެގިނަ ކަނދުފަތި ހަރުކުރެވުނު އަހަރު،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި އަޅުއްވައިދެއްވާނޭ ކަމަށް ވިދާޅުވި ކަނދުފަތިތައް ވެސް އަޅައި މިހާރު ވަނީ ނިމިފައި ކަމަށެވެ.

މަސްކަނދުފަތި އެޅުމަކީ މަސްވެރިންނަށް ލުއިފަސޭހަ ލިބޭކަމެއް ކަމަށާއި މަސްވެރިކަމުގެ ސިނާއަތުން ނަފާ ހޯދުމުގެ ފުރުސަތު މިހާރުވަނީ އާންމުކޮށް ހުޅުވާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަސް ބޭރުކޮށްގެން ބޮޑު ފައިދާއެއް ހޯދަން ދަންނަ ކޮންމެ މީހަކަށް ސަރުކާރުންވަނީ އެފުރުސަތު ހުޅުވާފައި ކަމަށެވެ. މިއީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ޒައާމަތުގައި މަސްވެރިންނަށް ހުޅުވައިދެއްވި ރަނުގެ ފުރުސަތެކެވެ.