މަސްވެރީންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކުން ގެންގުޅޭ ލިމިޓްގެ ސަބަބުން މަސްވެރީންނަށް ކުރިމަތިވާ ދަތިކަން ވަރަށް އަވަހަށް ހައްލުކޮށްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ގދ. ފަރެސްމާތޮޑާގައި މިހާރު ކުރިއަށްދާ މިއަހަރުގެ މަސްވެރީންގެ ދުވަހުގެ ރަސްމީޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރީންގެ މެދުގައި ފައިސާ ބެހުމުގައި، މިހާރު އޮންނަނީ ދެލައްކަ ރުފިޔާއަށް ލިމިޓްވެފައި ކަމަށާއި އެއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ މަސްވެރީން މިއަދުވެސް ވަނީ މި ލިމިޓުގެ ސަބަބުން ދަތިވާ ކަމުގެ ޝަކުވާ ކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރީންނާއި އެހެން ވިޔަފާރިވެރީންނާ ދެމެދު އެމްއެމްއޭއިން ތަފާތު ކުރުމެއް ގެންގުޅެގެންނުވާނޭ ކަމަށާއި ވިޔަފާރިތަކާމެދު އަމަލުކުރަން ވާނީ އެއްގޮތަކަށް އެއް އުސޫލުން ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަސްވެރީންނަށް ދިމާވެފއިވާ އެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.