ދެކުނު އިރުމަތީ އޭޝިއާގައި ޗައިނާއާއި އުތުރު ކޮރެއާގެ ނުރައްކާ ބޮޑުވެފައިވާތީ އަސްކަރީ ހޭދަ އިތުރު ކުރަން ޖެހޭ ކަމަށް ޖަޕާނުގެ ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ އިސް މެމްބަރަކު ވިދާޅުވެއެވެ. ޓައިާނަށް ކުރައްވާ ދަތުރުފުޅުގައި ޕޮލިސީ ޗީފް އަދި ކުރީގެ އިންޑަސްޓްރީ މިނިސްޓަރު ކޮއިޗީ ހަގިއުޑާ ވިދާޅުވީ ސަރަހައްދުގައި ކުރިއާ ޚިލާފަށް ނުރައްކާ އިތުރު ވެފައިވާ ކަމަށާއި އެކަމާ ކުރިމަތި ލުމަށް ޖަަޕާނުގެ އަސްކަރީ ހޭދަ އިތުރު ކުރަން ޖެހޭ ކަމަށެވެ.

ޓައިވާނާއި ޖަޕާނާ ދެމެދު ރަސްމީ ޑިޕްލޮމެޓިކް ގުޅުންތަކެއް ނެތް ނަމަވެސް، އެދެގައުމުގެ ދެމެދުގައި ގާތް ނުރަސްމީ ބަދަހި ގުޅުންތަކެއް އޮވެއެވެ. އަދި ޓައިވާނާއި ޖަޕާނުން ޗައިނާއާ މެދު ކަންބޮޑުވުންތައް ހިއްސާކުރެ އެވެ.

ހަގިއުޑާ ޓައިޕޭއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ޖަޕާނުން ވަނީ "ސުލްހައިގެ މަގުގައި ހިނގާފައި" ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ މަގަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އެހެން ނަމަވެސް ހަމައެކަނި ސުލްހަ މި ލަފުޒު ކިޔާލުމަކުން އަޅުގަނޑުމެންގެ ސުލްހަ ރައްކާތެރި ކުރުމަށް ފުދޭނެ ކަމަކަށް ނުދެކެން" ޖަޕާނާއި ޓައިވާންގެ ގުޅުންތަކާ ބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ޖަޕާނުން ތައްޔާރުވަމުންދާއިރު، މިހާރު 1 ޕަސެންޓުން ޑިފެންސް ހަރަދު ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމުގެ ޖުމުލަ އުފެއްދުމުގެ 2 ޕަސެންޓާ އެއްވަރުގެ އަދަދަކަށް ބޮޑުކުރުމަށް ރާވާފައިވާކަން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ އިއުލާން ކުރައްވާފައެވެ.