ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ، އާދީއްތަ ދުވަހު މެންދުރުއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ، އެރަށު ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލު ކުރައްވައި ރަށުގެ ތަރައްގީއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ ފަރެސްމާތޮޑާއާއި ހުވަދު އަތޮޅުގެ މަސްވެރިންނާއި އޮޑިވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ. މިބައްދަލު ކުރެއްވުމުގައި، މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފަރެސްމާތޮޑާގައި ކުރިޔަށްގެންދިޔަ، "މަސްވެރިކަމުގެ އެކްސްޕޯ 2022" އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގެ ސްޓޯލްތައް ބައްލަވައި ލައްވައި މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ. އަދި، އެރަށުގައި ކުރިއަށް ގެންދިޔަ މަސްކެނޑުމުގެ މުބާރާތްވެސް ރައީސް ބައްލަވާލެއްވިއެވެ.

ރޭ ފަރެސްމާތޮޑާގެ ބަނދަރު ސަރަހައްދުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ރައީސް ވަނީ ޝަރަފްވެރިކޮށްދެއްވައިފައެވެ. މިޖަލްސާގައި ރައީސް ވަނީ ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނޭ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.