ދިވެހިރާއްޖޭގެ މަސްވެރިކަމަށް ދިގުމުއްދަތަކަށް ޚިދުމަތް ކޮށްދެއްވައިފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހ. މީނާޒު، އަލްމަރުޙޫމާ ޑރ. ފާތިން ހަމީދަށް ސަރުކާރުން ހަނދާނީ ފިލައެއް އަރުވައިފިއެވެ.

މިފިލާ އެކަމަނާއަށް އަރުވައިފައިވަނީ ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި 42 ވަނަ މަސްވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާގައި ފިލާ ޙަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. ޑރ. ފާތިން ހަމީދުގެ ފަރާތްޕުޅުން ފިލައާ ހަވާލުވެ ވަޑައިގެންނެވީ އެކަމަނާގެ ކޮއްކޮ ޑރ. ޝަންމާ ހަމީދެވެ.

އަލްމަރުޙޫމާ ޑރ. ފާތިން ހަމީދަކީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކަތެއް ކޮށްދެއްވި ބޭފުޅެކެވެ. އެ ގޮތުން ރާއްޖޭގައި ކަޅުބިލަމަހުގެ ވިޔަފާރި މިހާރު މިއޮތް ފުޅާމިނަށް ތަރައްގީކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް އެކަމަނާ ކޮށްދެއްވިއެވެ.

މަސްވެރިންނާ ގުޅޭ ކަންކަން ނިންމުމުގައި މަސްވެރިންނާއި އެހެން ހިއްސާދާރުންގެ ބައިވެރިވުން ޔަގީންކުރުމަށް އެކަމަނާ ވަކާލާތު ކުރައްވާފައިވެއެވެ.

މަސްވެރިކަމުގެ ކުރީގެ ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި، 2019 ވަނަ އަހަރު ތަސްދީޤުކުރެވުނު މަސްވެރިކަމުގެ ޤާނޫނު ލިޔެ ތައްޔާރުކުރަން ފެއްޓެވީ ވެސް ޑރ. ފާތިން ހަމީދެވެ.