ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އައްޑޫ ސިޓީ ހިތަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ހޯދައިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހިތަދޫގައި މަސައްކަތްކުރާ ފުލުހުން މިއަދު ރަށުތެރެ ޕެޓްރޯލުކުރުމުގެތެރޭގައެވެ. އެތަކެތި ފެނިފައިވަނީ އެ ރަށު ފަޅުގެއެއްގެ ތެރެއިންނެވެ.

މިތަކެތީގެ ތެރޭގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.