ހދ. ނޮޅިވަރަމް، ހިތަށްފިނިވާގޭ، ނިޝާމާ މުޙައްމަދު (28އ) މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނިގެން އެކަން ހުއްޓުވައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އޭނާއަށް ފަރުވާދެމުން ގެންދަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އެނާ ދަންޖެހެން އުޅެފައިވަނީ ބަންދުކޮށްފައިވާ ގޮޅީގައެވެ. "ނިޝާމާ މުޙައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އދ. ފެންފުށީ ރޯޒީވިލާ އަބޫބަކުރު ފައިސަލް (32އ) ބަންދުކޮށްފައިހުރި ތަނުގައި ދަންޖެހެން މަސައްކަތްކުރަނިކޮށް މިރޭ (ރޭ) 23:15 އެހައިކަންހާއިރު ފުލުހުންނަށް ފެނިފައިވޭ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އައިސީޔޫގައި އަބޫބަކުރު ފައިސަލް އަށް ދަނީ ފަރުވާ ދެމުން،" ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެޗުއާރުސީއެމް އަދި އެންއައިސީއަށް ހުށަހަޅައިގެން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ނިޝާމާ މަރުވެފައި އޮއްވައި ފެނިފައިވަނީ ޑިސެމްބަރު ދިހަ ވަނަ ދުވަހުއެވެ. މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށުގައި އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރީންނެވެ.

ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސް މޯޗަރީއަށް ލައިފައެވެ. ފުލުހުންވަނީ ޕޯސްޓްމޯޓަމް ހެދުމަށް އެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފައެވެ.