ތަރައްގީވަމުން އަންނަ ގައުމުތަކުގައި ޗައިނާއިން ގެންގުޅޭ ޕްރޮޖެކްޓް ފައިނޭންސިންގެ ޗައިނާ މޮޑެލް އަށް އަނެއްކާވެސް ފާޑުކިޔުން އަމާޒުވެއްޖެއެވެ. ޗައިނާއިން ގައުމުން ބޭރުގައި އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ހަމައެކަނި ގައުމުކަމަށްވާ ޖިބޫޓީން ދަނީ ޗައިނާގެ ދަރަނި ދެއްކުމުގައި ދަތިތަކާ ކުރިމަތި ލަމުންނެވެ.
ޖިބޫޓީއަކީ ޗައިނާގެ ބިލިއަން ޑޮލަރުގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ގެ މައިގަނޑު އެއް ގައުމެވެ. ރެޑް ސީއާއި ގަލްފް އޮފް އަދަން ގުޅޭ ހިސާބުގައި އޮންނަ ކުޑަކުޑަ ގައުމު ޖިބޫޓީ އަށް މާލީ ދަތިތަކުގެ ޕްރެޝަރު ބޮޑުވުމުން އެގައުމުން ވަނީ ޗައިނާއަށް ދައްކާ ދަރަނި އަނބުރާ ދެއްކުން ހުއްޓާލައިފައެވެ.
އެ ލޯން ފައިސާ އަކީ މައިގަނޑު ގޮތެއްގައި ބައިލެޓަރަލް ކްރެޑިޓަރެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި 2020 ވަނަ އަހަރު ނިމުނުއިރު ބޭރުގެ ދަރަނި އަދާކުރަން ޖެހޭ ފަރތްތަކަށް ޖިބޫޓީއިން ޖުމްލަ 2.68 ބިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.
ޖިބޫޓީއާ ބެހޭ ގޮތުން ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައި ވަނީ 2022 ވަނަ އަހަރު އެގައުމުގެ ބޭރުގެ ދަރަނި އަދާކުރުމުގެ ހަރަދު މިދިޔަ އަހަރު 54 މިލިއަން ޑޮލަރުން 184 މިލިއަން ޑޮލަރަށް، ތިންގުނައަށް އިތުރުވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރު އެ އަދަދު 266 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅު ޖިބޫޓީއަށް ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި އަދާ ނުކުރެވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.
ޗައިނާގެ ޖިބޫޓީ އިންވެސްޓްމަންޓަކީ ޗައިނާގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމާއި ސްޓްރެޓެޖިކް ޑިޒައިންތަކުގެ ފާހަގަކޮށްލެވޭ މިސާލެކެވެ. ޗައިނާއިން ވަނީ ޖިބޫޓީގައި ވިޔަފާރީގެ ގޮތުންނާއި އަސްކަރީ ގޮތުން ފުޅާ ދާއިރާއެއްގައި މަސްލަހަތު އުފައްދާފައެވެ. އެގައުމުގެ ސްޓްރެޓެޖިކް މަގާމު ކަމުގައިވާ ރެޑް ސީއާއި ސުއޭޒް ކެނަލްއަށް ވަނުން ކޮންޓްރޯލްކުރާ ހޯރން އޮފް އެފްރިކާގެ ބާބުލްމަންދަބް ކަނޑުއޮޅީގައި ޖިބޫޓީއަކީ ވިޔަފާރީގެ ސަރަހައްދުތަކަށް މުހިންމު ކަން ބޮޑު މަންޒިލެކެވެ. ޖިބޫޓީ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުން ޗައިނާއަށް ބަލާފައި ވަނީ މުހިންމު އިންފްރާސްޓްރަކްޗާތައް ގާއިމްކޮށް އުފެއްދުމަށް ފައިސާ ލިބޭނެ ކަމުގެ އުންމީދުގަ އެވެ.
ބޮސްޓަން ޔުނިވާސިޓީގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕޮލިސީ ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖިބޫޓީން 2000 އަހަރާއި 2020 އާ ދެމެދު ޗައިނާގެ ލޯނު ދޫކުރާ ކުންފުނިތަކުން 1.5 ބިލިއަން ޑޮލަރު ނަގާފައި ވެއެވެ. އެއީ ލޯނު އަނބުރާ ދެއްކުމަށް ބަލާއިރު ޖިބޫޓީގައި ލިބެން ހުރި އާމްދަނީގެ ވަސީލަތްތަކާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.
ޗައިނާއިން ޖިބޫޓީއަށް ދޫކުރާ ލޯނުތައް ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އިތުރު ވެގެން ގޮސްފައެވެ. އެ ފައިސާގެ ބޮޑު ބައެއް 2013 ވަނަ އަހަރު ދޫކޮށްފައި ވަނީ އިތިއޮޕިއާގެ ވެރިރަށް އެޑިސް އަބާބާ އިން ޖިބޫޓީއަށް އޮންނަ ރޭލްވޭގެ ހެދުމަށް ފައިނޭންސް ކުރުމަށެވެ. އެއީ ގާތްގަނޑަކަށް 492 މިލިއަން ޑޮލަރެވެ. އަދި އިތިއޮޕިއާގެ ހަޑަގަލާ ޓައުން އިން ޖިބޫޓީގެ މެދުތެރެއަށް 101 ކިލޯމީޓަރުގެ ގިދު ފެން ހޮޅި އެއް އެޅުމަށް 322 މިލިއަން ޑޮލަރުވެސް އިންވެސްޓްކޮށްފައިވެއެވެ. އަދި ޖިބޫޓީގެ މަލްޓިޕާޕަސް ބަނދަރު އެޅުމަށް ޖިބޫޓީން ވަނީ 2016 ވަނަ އަހަރު އިތުރު 344 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. މި ތިން ލޯނަކީވެސް ޗައިނާ އެގްޒިމް ބެންކުގެ ލޯނެކެވެ.
2017 ވަނަ އަހަރު ޖިބޫޓީގެ މިނިވަން ވިޔަފާރީގެ ސަރަހައްދު ބިނާކުރުމަށް ޗައިނާ މާޗެންޓްސް ޕޯޓް ހޯލްޑިންގްސް ކޮމްޕެނީ ލިމިޓެޑުން އިތުރު 150 މިލިއަން ޑޮލަރުވެސް ދީފައިވެ އެވެ.
ޗައިނާގެ ގިނަ ކުންފުނިތަކުން ވަނީ ޖިބޫޓީގެ ކަނޑުގެ ސިނާއަތާއި ފްރީ ޓްރޭޑް ޒޯންތަކަށް އިންވެސްޓްކޮށްފަ އެވެ. ޗައިނާ މާޗެންޓްސް ގްރޫޕުން ޖިބޫޓީގެ ބަނދަރު ބައިނަލްއަގްވާމީ ވިޔަފާރި ދާއިރާއަކަށް ބަދަލުކުރުމަށް އިންވެސްޓްކޮށްފައިވެއެވެ. އަދި ހުޅަނގު ޖިބޫޓީގައިި އޮންނަ ބަނދަރުގެ މެގަ އެކްސްޓެންޝަނަށް 590 މިލިއަން ޑޮލަރުވެސް ދީފައި ވެއެވެ.
ޗައިނާގެ ފުރަތަމަ ގައުމުން ބޭރުގެ އަސްކަރީ މަރުކަޒު ހުޅުވީ 2017 ވަނަ އަހަރު ޖިބޫޓީ ބަނދަރާ ކައިރީގަ އެވެ.