އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން މުޒާހަރާތައް ވަރުގަދަ ކޮށް، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ޚުދުމުޚުތާރު ސްޓައިލާ ދެކޮޅަށް ހަޅުތާލު ކުރަން ފަށައިފިއެވެ. އިގްތިސާދީ ދަތިތަކާއި އާންމުންގެ ހިތްހަނމަ ނުޖހުމާއެކު ކުރަމުންދާ މުޒާހަރާގައި ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.
މައި އިދިކޮޅު ޕާޓީ އަލުން އިންތިޒާމުވެފައިވާ ކަމަށް މި މުޒާހަރާތަކުން އެނގެއެވެ. ޝެއިޚު ހަސީނާ ވަނީ ތިން ދައުރުގައި ބޮޑު ވަޒީރުކަން ކުރައްވާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.
މައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އެތައް ސަތޭކަ ސަޕޯޓަރުންތަކެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބާއްވާފައިވާ ޖަލްސާގައ ބީއެންޕީގެ ވެރިޔާ ޚާލިދާ ޒިޔާ އާއި އޭނާގެ ދަރިފުޅު ތާރިގްް ރަހުމާންގެ މައްސަލަތައް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.
ސަރުކާރު ހިންގާ އަވާމީ ލީގު (އޭއެލް) ޕާޓީން އިސްކޮށް ހުންނަވައިގެން ހިންގާ "ގާނޫނާ ހިލާފު" ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުގެ ބީއެންޕީގެ ހަތް މެމްބަރުން ވެސް ވަނީ އިސްތިއުފާ ދީފައެވެ.
2009 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ހަސީނާގެ މައްޗަށް ތުހުމަތު ކުރެވެނީ އިންތިޚާބު ގަޑުބަޑު ކުރެއްވުމުގައި އެކަމަނާގެ ސަރުކާރުން އިސްދައުރެއް އަދާކުރާ ކަމަށެވެ.އަދި ސިޔާސީ އިދިކޮޅު ފަރާތްތަކާއި ޚިޔާލުތަފާތުވާ މީހުންނަށް ފިއްތުމަށް އެކަމަނާގެ ސަރުކާރުން ގެންގުޅޭ ހަރުކަށި އުސޫލުތަކަށް އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުންނާއި މިނިވަން އޮބްޒާވަރުންގެ ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.
ބީއެންޕީން ބުނާ ގޮތުގައި މިދިޔަ ދިހަ އަހަރު ތެރޭގައި އެ ޕާޓީގެ ހަތަރު މިލިއަން މެމްބަރުންނާ ދެކޮޅަށް 180،000 އަށް ވުރެ ގިނަ ގާނޫނީ މައްސަލަތައް ހުށަހަޅާފައިވެ އެވެ. ހަމައެއާއެކު މަދުވެގެން ޕާޓީގެ 600 މެންބަރުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި ގާތްގަނޑަކަށް 3،000 މީހުން މަރާލާފައިވާ ކަމަށެވެ.
އިދިކޮޅު ލީޑަރުން ޖަލްސާ ބޭއްވުމުގެ ދުވަސްކޮޅެއް ކުރިން ޕާޓީގެ 2،000 އެކްޓިވިސްޓުންނާއި ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށް ބީއެންޕީން ބުނެއެވެ. އެ ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ވެސް ވަނީ ހުކުރު ދުވަހު ހައްޔަރުކޮށް ޖަލަށް ފޮނުވާލާފަ އެވެ.