އޭޑީކޭ ހޮސްޕިޓަލުން ދެމުން ގެންދާ ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ އަގުތައް ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒަރުގައި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ޚިދުމަތުގެ އަގުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވަނީ ބޮޑުވެފައި ކަމަށެވެ. އެހެން ކަމުން އެ ހޮސްޕިޓަލް ހިންގުމުގެ ޚަރަދުވެސް އެތައް ގުނައަކަށް ވަނީ ބޮޑުވެފައި ކަމަށް ވެސް ބުުނެފައިވެއެވެ.

ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އިއްޔެ އޭޑީކޭ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު މެއިން ކައުންޓަރުން ސާފުކުރެވެން ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެެ ހޮސްޕިޓަލަކީ ވަރަށް ގިނަ ފަރާތްތަކަކުން ޅިދުމަތް ހޯދަމުންދާ އަމިއްލަ ހޮސްޕިޓަލެކެވެ.