ސްކޫލުދައުރުގައި އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދީ، ކިޔައިދެވިއްޖެނަމަ ކުދީން ބޮޑެތިވެގެން ގޯސް މަގަކުން ނުދާނެކަމަށް ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދަވާ މަސައްކަތްތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ސަފީރަށް ދެއްވައިފިއެވެ. ކުޑަކުދިންނަށް ޚާއްސަކޮށް، ސްކޫލު އުމުރުފުރާގެ ކުދިންނަށް ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ. މިނިސްޓަރގެ އެވާހަކަތަކާ ގުޅިގެން ސަފީރު ވިދާޅުވީ ކުޑަކުދިންނާ ގުޅޭ ދީނީ އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ އިރު ޕާކިސްތާނުން ދެވެންހުރި އެހީތައް ދެއްވާނޭ ކަމަށެވެ.

މި ބައްދަލުވުމުގައިވަނީ ޕާކިސްތާނުގެ ދީނީ ޢިލްމުވެރިން ރާއްޖެއަށް ވަޑައިގެން ދަރުސް ދެއްވުމާބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައިވާ ދާއިރާތަކުން އިތުރު ތަމްރީނު ލިބޭނެ މަގު ފަހިކޮށްދިނުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.