ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ކުދިން އަމިއްލައަށް ކަންކަން ކުރުމަށް ފުރުސަތު ދިނުމުން އެކުދިން ގުޅިގެން މަސައްކަތްކުރުމާއި މައްސަލަތައް ހައްލުކުރަން ދަސްވުން ފަދަ ގިނަ ހުނަރުތަ ދަސްވާ ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ "ސްޓެމް ފެއަރ 2022" ރަސްމީގޮތުން މިއަދު ހުޅުވައިދެއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށެވެ. ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގިނަ ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލްތަކުން އަދި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

"ސްޓެމް ފެއަރ 2022" ކުރިޔަށްގެންދަނީ މިއަދާއި މާދަމާއެވެ. މިއީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ފެއާއެކެވެ. ފެއާގައި ގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވެއެވެ. އޭގެތެރެއިން ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެވެ.