ފާއިތުވި ރިޔާސީ އިންތިޚާބުތަކަށް ބަލާއިރު ރައްޔިތުންވަނީ ވެރިކަން ކުރުމުގެ ފުރުސަތު ބޮޑެތި ޕާޓީތަކަށް ދީފައި ކަމަށާއި އެކަމަކު މިހާތަނަށް އައިއިރު ރަނގަޅު ނަތީޖާއެއް ދެއްކިފައި ނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި ވިޔަފާރިވެރިޔާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް އެތައް ވައުދެއްވެ އެތައްކަމެއް ކޮށްދެއްވާނޭ ކަމުގެ އުފާވެރި ޚަބަރާގެން ކަމަށެވެ. އޭގެ އިތުރުން އުންމީދީ މެނިފެސްޓޯއެއް ވެސް ކޮންމެ ޕާޓީއަކުން ހުށަހަޅާ ކަމަށެވެ. "ކޮން ޕާޓީއަކަށްތޯ ނަތީޖާ ނެރެވުނީ. ކޮން ރައީސަކަށްތޯ މެނިފެސްޓޯ "ރަނުންރަނަށް އަކުރުން އަކުރަށް" ތަންފީޒު ކުރެވުނީ. ކޮން ވެރިއަކަށްތޯ ރައްޔިތުންނަށްހުރި ދަތިކަން ފިލުވައިދެވުނީ. ކޮން ކޯލިޝަނަކަށްތޯ މުޖުތަމަޢު އަމާންތަނަށް ހަދައިދެވުނީ. އެއްވެސް ކަމެއް ނުކޮށްދެވޭނޫންތޯ. އެހެންވީމާ މިފަހަރުގެ އިންތިޚާބުގައި ކަންކޮށްދެވޭނޭ ކެންޑިޑޭޓަކަށް ވޯޓުދެއްވާ. އެއީ ޢުމަރު ނަސީރު،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކި ސިޔާސީ ޕާޓީއަކުން ވެރިކަމަށް އައުން ލާޒިމެއް ނޫންކަމަށެވެ. ވެރިކަމަށް އަންނަ މީހާގެ އަތުގައި ސިޔާސީ ބޮޑު ޕާޓީއެއް ވެސް އޮންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަމަށް ގެންނަންވާނީ އަމިއްލަ އެދުމުން ދުރުވެ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ފެންބޮވައިގެންފައިވާ ލީޑަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވާ ކަންކަން ވަރަށްގިނަ. އެކަންކަން ތަރުތީބުވެގެން އަންނައިރު އެންމެ އިސްކަމެއް ދޭންޖެހެނީ އަމާން ވެއްޓެއް ގާއިމްކުރުން. ސަލާމަތްތެރިކަން ކަށަވަރުވެފައިވާ މުޖުތަމައެއް އޮތުން. މާރާމާރީއާއި މީހުންމެރުމާއި މަސްތުވާތަކެތީން ސަލާމަތްވެފައިވާ ރާއްޖެއެއް އޮތުން. އެފަދަ ކުށްކުރާ މީހުންނަށް އަދަބު ލިބޭނޭ ކަމުގެ ކަށަވަރުކަން އެކަން ކުރާ މީހާއަށް ވެސް އޮވެގެންނޫނީ ކަންކަން ހަމައަކަށް ނޭޅޭނެ. އެކަން އަޅުގަނޑު ކޮށްދޭނީ ފިސާރި ލޯތްބާއި ކެރުންތެރިކަމާއި ޢަޒުމާއެކު،" ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެހެންކަންކަމަށް ވަގުތު އޮންނާނީ އަމާން މުޖުތަމައަކަށްފަހު ކަމަށެވެ.