ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭ ކަމަށް ބުނާ ހުރިހާ މީހުން އިންތިޚާބުގައި ވާދަ ނުކުރާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވުމުގެ މާކުރިން ފެށިގެން އެތައް ބަޔަކު ގެންދަނީ އިންތިޚާބުގައި ވާދަކުރާނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި އަޑު ފަތުރަމުން ކަމަށެވެ.

"އޭގެތެރެއިން ގިނަ ބޭފުޅުން ވާދައެއް ނުކުރައްވާނެ. އެފަދަ ބޭފުޅުން ބޭނުންފުޅުވާނީ އެ ނަމެއް އަޑުއިވުމުން ރައްޔިތުން ދެކޭ ގޮތެއް ދެނެގަތުން. އެނަމަކާ ނުވަތަ އެބޭފުޅަކާ މެދު ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ދެނެގަތުން ނޫން އިތުރު އެއްވެސް ކަމެއް އެބޭފުޅުންގެ ނޯންނާނެ. ވެދާނެ އެހެން ފަހަރަކަށް ތައްޔާރުވާން ކުރައްވާ ކަމަކަށް ވެސް،" ޢުމަރު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ޢުމަރު ވަނީ ނިންމަވާފައެވެ. ޢުމަރު މިހާރުވެސް ގެންދަވަނީ އެކަމަށް ޕްލޭންތައް ހައްދަވަމުން ކެންޕޭނަށް ތައްޔާރުވަމުންނެވެ.

އޭނާ ވިދާޅުވީ މިއީ ރައްޔިތުންނަށް ލިބޭނޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ދިވެހިގައުމު ހަމައަކަށް އަޅުވައި އިންސާފު ގާއިމްކޮށް އިސްލާމީ ޝަރީއަތާ ދިމާއަށް ރާއްޖެ ގެންދަން ބޭނުންވާ ކަމަށްވާނަމަ މިފަހަރު އިންތިޚާބުގައި އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ބޮޑެތި ޕާޓީތަކަށް ފުރުސަތު ދެއްވިއްޖެ ކަމަށާއި، އެހެންނަމަވެސް ރައްޔިތުން އުންމީދު ކުރިވަރާ ގާތަށް ވެސް މިހާތަނަށް ވެރިކަންކުރެއްވި ބޭފުޅުންނަށް ޚިދުމަތް ދެވިފައި ނުވާކަމަށް ޢުމަރު ވިދާޅުވިއެވެ. "އެހެންވީމާ ރައްޔިތުންނަށް އޮތް ބެސްޓް އޮޕްޝަނަކީ އަޅުގަނޑު. އަޅުގަނޑު ވެރިކަމަށް އަންނާނީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެހާ ދަތިކަން ފިލުވައިދީ ފުދުންތެރި އެހާމެ އުފާވެރި ދިރިއުޅުމެއް ހޯދައިދޭން. އެކަން ޢަމަލުން ދައްކުވައިދޭނަން އިރާދަ ކުރެއްވިއްޔާ،" ޢުމަރު ވިދާޅުވިއެވެ.