ކޮވިޑް-19 ވެކްސިން ރައްކާކުރަން 10،500 ޚާއްސަ ފްރީޒަރު ގަތުމަށް ޖަޕާނުން ނިންމައިފިއެވެ.
ޚާއްސަ ފްރީޒަރުގެ އިތުރުން، ފްރީޒަރަށް އަޅާ ހިކި އައިސްވެސް ބަލްކްކޮށް ގަތުމަށް ޖަޕާނުންވަނީ ނިންމާފައެވެ.
ޖަޕާނުން މިހާރު ތައްޔާރުވަމުން ދަނީ އެގައުމުގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށެވެ.
ޖަޕާނުން ވަނީ 290 މިލިއަން ކޮވިޑް ވެކްސިން ޑޯޒް ގަތުމަށްޓަކައި އެމެރިކާގެ ފައިޒަރ، މޮޑަނާ އަދި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާއާއެކު އެގްރީމެންޓްގައި ސޮއިކޮށްފައެވެ.
ޖަޕާނުން ބުނެފައިވަނީ، ގަންނަން ލިބޭނެނަމަ އަދި ކޮންމެ މީހަކަށް ދެޑޯޒް ޖަހަންޖެހޭނަމަ ޖަޕާނުގެ މުޅި އާބާދީގައި ހިމެނޭ 145 މީހުންނަށް ވާރަށްވެސް ވެކްސިން ގަތުމަށް ޖަޕާނުއޮތީ ތައްޔާރަށް ކަމަށެވެ.
ފައިޒަރގެ ވެކްސިން ރައްކާކުރަން ޖެހެނީ ގާތްގަނޑަށް މައިނަސް 75 ޑިގްރީ ސެލްސިއެސްގައެވެ. މޮޑަނާގެ ވެކްސިން މައިނަސް 20 ޑިގްރީ ސެލްސިއެސްގައި ރައްކާކުރެވެއެވެ. މިގޮތަށް ދިމާވާތީ ލޮޖިސްޓިކް ބޮޑެތި މައްސަލަތަށް ޖަޕާނަށްވެސް ކުރިމަތިވެއެވެ.
ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ޖަޕާނުގެ އެކި ހިސާބުތަކަށް ފޮނުވޭ ވެކްސިންތައް، އެކަށީގެންވާ ފިނިކަމުގައި ބެހެއްޓުމަށްޓަކައި ފައިޒަރއާއި އަދި މޮޑަނާއާއި މޮޑަނާގެ ޖަޕާނު ޕާޓްނަރު ޓަކެޑާ ފާމަޝޫޓިކަލްސްއިން ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ޖަޕާނުގައި ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ ވެރިރަށް ޓޯކިޔޯގައި ކަމަށްވާއިރު، ޖަޕާނުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 168،573 އަށް އަރާފައެވެ. އަދި 2،465 މީހުން ބަލީގައި މަރުވެފައި ވެއެވެ.