އައްޑޫސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުގައި ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާއާ ކަރުންމަތީގެ ބަލިތަކުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ޚިދުމަތްދޭން މިއަދު ރަސްމީކޮށް ފަށައިފިއެވެ. މީގެ އިތުރުން ފިޒިއޮތެރަޕީއާ ޑަޔަލަސިސްގެ ޚިދުމަތް ވެސް އެ މަރުކަޒުގައި މިއަދުވަނީ ދޭން ފަށައިފަައެވެ.

އަލަށްފެށި ޚިދުމަތްތައް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގައި މިއަދުއެވެ.

މިޚިދުތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ނާއިބު ރައީސް ވަނީ އެޚިދުމަތްތައް ދިނުމަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމްތައް ބައްލަވާލައްވައިފައެވެ. އޭގެ އިތުރުން އެމަނިކުފާނުވަނީ ސިއްޙީ މަރުކަޒުން ޚިދުމަތް ހޯއްދެވުމަށް ވަޑައިގެންތިއްބެވި ބައެއް އާއްމުންނާވެސް ބައްދަލު ކުރައްވާފައެވެ.

މިޚިދުމަތްތައް އިފްތިތާޙްކޮށް ދެއްވައިފައިވަނީ ސ އަތޮޅު މަދަރުސާގެ ހޯލުގައި މިއަދު ބޭއްވި ޖަލްސާއެއްގައެވެ. އެޖަލްސާގައި ނާއިބު ރައީސް ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ސިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމަށެވެ. އަދި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހުޅުދުއާއި މީދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ، ސިއްޙީ ޚިދުމަތައް ތަރައްޤީކުރުމުގެ އިތުރު މަސައްކަތްތައް ކުރިޔަށް ރޭވި ހިނގަމުންދާނެ ކަމަށެވެ. މިގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި، އަތޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަޝްރޫޢުތައް ރޭވި ހިނގަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގެމުންދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.

ހުޅުމީދޫ ސިއްޙީ މަރުކަޒަކީ، 16 އެނދާއެކު، 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒެކެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫގައި ހުންނަ ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގަމުން އަންނަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުންނެވެ. އަދި ވަކި ތާވަލެއްގެ ދަށުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަންނަނީ ފަރުވާދެއްވަމުންނެވެ.