ޓްވިޓާއިން ވަނީ ސޯޝަލް ނެޓްވޯކްގެ ވެރިމީހާ ބިލިއަނަރު އެލޮން މަސްކުގެ ވާހަކަތައް ލިޔެ އުޅޭ މަޝްހޫރު ނޫސްވެރިންގެ އެކައުންޓްތައް ސަސްޕެންޑްކޮށްފައެވެ. މަސްކު ބުނާ ގޮތުން އެމީހުންގެ އަމަލުތަކުން އޭނާގެ އާއިލާއަށް ނުރައްކާވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވޮޝިންޓަން ޕޯސްޓާއި ނިއުޔޯކް ޓައިމްސް، މެޝެބަލް އަދި ސީއެންއެން ފަދަ މީޑިއާގެ ރިޕޯޓަރުންގެ އެކައުންޓްތައް ސަސްޕެންޑްކޮށްފައި ވެއެވެ.

މަސްކު ބުނީ ކުޅިވަރާއި ސިޔާސީ ކަންކަމުގައި ކޮމެންޓް ކޮށްއުޅޭ މީހުންގެ ސަސްޕެންޑް ކުރި ޕްރޮފައިލްތަކަކީ އރިއަލް ޓައިމް ކޮށް އޭނާ އެވަގުތަކު ހުންނަ ތަނެއް ޕޯސްޓްކުރި މީހުންގެ ޕްރޮފައިލްތަކެއް ކަމަށެވެ. އަދި އެއީ އޭނާގެ ފުރާނައަށް ނުރައްކާވާ ގޮތަށް ވިލަރެސް ކުރާ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

ނިއުޔޯކް ޓައިމްސްގެ ރިޕޯޓަރު ރަޔަން މެކް އަލަށް ހުޅުވި އެކައުންޓަކުން ބުނެފައި ވަނީ އޭނާގެ އެކައުންޓް ސަސްޕެންޑް ކޮށްފައި ވަނީ އެއްވެސް އިންޒާރަކާ ނުލައި ކަމަށެވެ. އޭނާ ދާއިމީ ގޮތަކަށް ސަސްޕެންޑް ކޮށްފައިވާ ކަން ދައްކައި ދިނުމަށް އޭނާ ސްކްރީން ޝޮޓެއްވެސް ދައްކާފައި ވެއެވެ.

ކުރިއަށް އޮތް ތާނގައިވެސް ޓްވިޓާގައި އެލޮން މަސްކުގެ ވާހަކަތަކާއި އޭނާގެ ކުންފުނިތައް ރިޕޯޓް ކުރަމުންދާނެ ކަމަށް އޭނާ ބުންޏެވެ.