ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެމަރުކަޒު ވެގެންދާނީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސާޅިސް ވަނަ އަހަރީ ދުވަހުގެ ޖަލްސާ ރޭ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރޭ ފުވައްމުލައް. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮތް ޖަލްސައިގައި ނައިބު ވިދާޅުވީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުކަމަށެވެ. އަދި، މިފާއިތުވެ ދިޔަ ތަނުގައިވެސް ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ މަރުކަޒެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ހަމައެއާއެކު، ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށާއި މިގޮތުން ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަޞީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށާއި، އެހެންކަމުން މުޖުތަމަޢަށާއި ޤައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އެޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، ސްކޫލެއްގެ ދައުރަކީ، މުޖުތަމައަށް ފައިދާހުރި، ގައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ސްކޫލުތަކުގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްވެފައިވުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިއަށް ދެވޭނެ ފުރުސަތުތައް އެބަހުރިކަން ފާހަގަކުރައްވައި، އެފުރުސަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފައެވެ.

އެ ހަފްލާގައި ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މީހުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. އެގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ޚިދުމަތް ކުރައްވާފައިވާ މީހުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ. އޭގެ އިތުރުން އެމަނިކުފާނަށް ވެސް އެ ޖަލްސާގައި ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

އަތޮޅު ތައުލީމީ މަރުކަޒު ހުޅުވައިފައިވަނީ 1982އަހަރުގެ އޭޕްރިލް 20ގައެވެ. މި ސްކޫލުގައި ހަތް ވަނަ ގްރޭޑުން ފެށިގެން ގުރޭޑް ބާރައަށް ކިޔަވައިދެއެވެ.