މިފަހަރުގެ ވަރލްޑް ކަޕުގެ ސަޕްރައިޒް ޓީމު ކަމުގައިވާ މޮރޮކޯ 1-2 އިން ބަލިކޮށް ކްރޮއޭޝިޔާއިން މިރޭ މުބާރާތުގެ ތިންވަނަ މަގާމް ހޯދައިފިއެވެ.

ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ކްރޮއޭޝިޔާއިންނެވެ. މިލަނޑު 6 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އުއްމީދީ ޑިފެންޑަރު ޖުސްކޯ ގުއާޑިއޯލެވެ. އެކަމަކު އޭގެ ތިން މިނެޓް ފަހުން މޮރޮކޯއިން ލަނޑެއް ޖަހައި މެޗުގެ ފޯރިގަދަ ކޮށްލިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އަޝްރަފް ޑާރީއެވެ.

ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ އަވަސް އެޓޭކިންގ ފުޓްބޯޅަައެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބުނެވެ. ކްރޮއޭޝިޔާއިން މެޗުގެ ލީޑް ދެވަނަ ފަހަރަށް ނެގީ އެޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މިސްލާވް އޯސިޗެވެ.

ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް މޮރޮކޯއިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކަމަކު ކްރޮއޭޝިޔާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ.

މިމެޗުން ބަލިވިނަމަވެސް މުބާރާތުގެ ހަތަރުވަނަ ލިބުމަކީ މޮރޮކޯއަށް ފުޓްބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އަދި މިއީ ވަރލްޑް ކަޕުގައި އެފްރިކާ ގައުމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީވެސްމެއެވެ.

ކްރޮއޭޝިޔާއަށް ބަލާއިރު، ކްރޮއޭޝިޔާއަކީ ކުރީގެ މަޝްހޫރު ޔޫގޮސްލާވިޔާއަށް ނިސްބަތްވާ ސަރަހައްދަކުން 1991 ވަނަ އަހަރު ވަކިވެ އަމިއްލަ މިނިވަންކަމެއް އިއުލާން ކުރި ދައުލަތެކެވެ. ގައުމުގެ ހަގު ކަމާއި އާބާދީގެ މަދުކަން ( އެންމެ 4 މިލިޔަން ރައްޔިތުން) ކްރޮއޭޝިޔާ ވާދަކުރާ ފުޓްބޯޅަ މެޗުގެ ނަތީޖާތަކަކުން ނުފެނެއެވެ. އެގައުމުން ވަރލްޑް ކަޕުގައި ވާދަ ކުރި ފުރަތަމަ ފަހަރު (1998) ގައި ވަނީ 3 ވަނަ މަގާމް ހޯދާފައެވެ. އަދި އެންމެފަހުގެ ވަރލްޑް ކަޕުގެ ދެވަނަ މަގާމް ހޯދިއެވެ.