ފަރަންސޭސިވިލާތުންދޭ އެންމެ މަތީ ޝަރަފްގެ އެވޯޑު، ފަރަންސޭސި ރައީސް އިމެނުއެލް މެކޯން، މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއަށް އަރުވައިފިއެވެ.

ފަރަންސޭސި ރައީސް މެކޯން، މި އެވޯޑު މިސްރުގެ ރައީސަށް އެރުވީ، މިސްރުގެ ރައީސް އައްސީސީ މި ހަފްތާގައި ޕެރިހަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައެވެ.

ފަރަންސޭސި ރައީސް މެކޯން، މިސްރުގެ ރައީސަށް އަރުވާފައިވަނީ ފަރަންސޭސި ސަރުކާރުންދޭ އެންމެ މަތީ އިއްޒަތްތެރި ޝަރަފްގެ އެވޯޑު ކަމުގައިވާ "ގްރޭންޑް ކްރޮސް އޮފް ދަ ލީޖަން އޮފް އޮނަރ" އެވޯޑެވެ.

މި އެވޯޑު މިސްރުގެ ރައީސަށް އެރުވިކަން، ނަން ހާމަކޮށްފައިނުވާ ފަރަންސޭސި ރިޔާސީ އޮފިޝަލަކު ފަހުންވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ފަރަންސޭސިވިލާތަށް ދަތުރުފުޅެއް ކުރެއްވީ، ރަތްދޫލަ ފަތުރައި އޭނާއަށް މަރްހަބާ ނުކިއުމަށް ވަރަށް ގިނަ ފަރާތްތަކަކުން ފަރަންސޭސި ރައީސަށް ގޮވާލަމުން ގެންދަނިކޮށެވެ.

މިސްރުގެ އިދިކޮޅު ފަރާތްތައް ހިފައިހައްޔަރުކޮށް ސީސީގެ ސަރުކާރުން ހިންގަމުންގެންދާ އިންސާނީ ހައްގުތަކާ ޚިލާފް އެތައް އަމަލެއްގެ ސަބަބުން، ދިފާއީ ކަންކަމުގައާއި ވިޔަފާރީގެ ކަންކަމުގެ ގުޅުންތައް މިސްރާއެކު ބަދަހި ނުކުރުމަށް އެތައް ފަރާތަކުން ފަރަންސޭސި ރައީސަށް ގޮވާލަމުން ގެންދެއެވެ.

މިސްރުގެ ރައީސް އައްސީސީ ފަރަންސޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ފަރަންސޭސި އެންމެމަތީ ޝަރަފްގެ އެވޯޑު ސީސީއަށް އަރުވަން ހަމަޖެހިފައިވާކަމެއް ފަރަންސޭސި ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި ނޫސްވެރިންނަށް ދިން ޝެޑިއުލްގައިވެސް އެވާހަކައެއް ނެތެވެ.

އައްސީސީއަށް "ގްރޭންޑް ކްރޮސް އޮފް ދަ ލީޖަން އޮފް އޮނަރ" އެވޯޑު ދިންކަން އެނގުނީ، ސީސީ މިސްރަށް އެނބުރި ވަޑައިގެންނެވި ފަހުން، މިސްރުގެ ރައީސްގެ އޮފީހުން ހާމަކުރި ފޮޓޯތަކުންނެވެ. މި ފޮޓޯތައް ނަގާފައިވަނީ ރަސްމިއްޔާތުގައި ބައިވެރިވި ސީސީގެ ވަފުދުންކަމަށް ވެއެވެ.

ފަރަންސޭސި މީޑިއާއިންވެސް، އެ ރަސްމިއްޔާތުގެ ފޮޓޯއާއި ވީޑިއޯ ފަހުން ދައްކާފައިވަނީ މިސްރުގެ ރައިސްގެ ގަނޑުވަރުގެ ވެބްސައިޓުން ނަގައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.