ގަތަރުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ވަރލްޑް ކަޕް ފައިނަލް މެޗުގެ ތަށި ލިބުމަށް އެދެނީ ލިއޮނަލް މެސީ އާއި އާޖެންޓީނާއަށް ކަމަށް ވާދަވެރި ބްރެޒިލް ގައުމީ ޓީމުގެ ކުރީގެ ދެތަރިން ކަމުގައިވާ ރިވާލްޑޯ އާއި ކަފޫ ބުނެފިއެވެ.
2002 ވަނަ އަހަރު ބްރެޒިލުން ވަރލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ރިވާލްޑޯ ބުނީ މެސީއަށް ވަރލްޑް ކަޕުގެ ތަށި ލިބުން ހައްގު ކަމަށެވެ.
"ފައިނަލުގައި ނޭމާ އާއި ބްރެޒިލެއް ނެތް. ފައިނަލުގައި އަހަރެންގެ ތާއީދު އޮތީ މެސީ އާއި އާޖެންޓީނާއަށް" ރިވާލްޑޯ ބުންޏެވެ.
ރިވާލްޑޯ ވަނީ އޭނާގެ އިންސްޓްގްރާމްގައި މެސީގެ ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި މެސީއަށް ވަރަށް ބޮޑަށް ހިތްވަރުދީ ތައުރީފް ކޮށްފައެވެ.
2002 ވަނަ އަހަރު ބްރެޒިލުން ވަރލްޑް ކަޕް ކާމިޔާބު ކުރިއިރު ޑިފެންސްލައިނުގައި މުހިއްމު ދައުރެއް އަދާކުރި އަދި އެމުބާރާތުގައި ބްރެޒިލްގެ ޓީމުގެ ކެޕްޓަންކަން ކުރި ކަފޫ ބުނީ އާޖެންޓީނާ ގައުމީ ޓީމާއެކު މެސީ ވަރލްޑް ކަޕުގެ ތަށި އުފާލާ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.
"އަަހަރެންގެ ތާއީދު އޮތީ މެސީ އާއި އާޖެންްޓީނާއަށް. ކީއްވެ އަހަރެން މެސީ އާއި އާޖެންޓީނާއަށް ޗެމްޕިއަންކަން ލިބެން ނޭދެންވީ؟ ބްރެޒިލް ފައިނަލުގައި ނެތް ހާލަތެއްގައި އަހަރެން ހުންނާނީ މެސީއާއެކު. އޭނާ (މެސީ) މިވަރލްޑް ކަޕުގައި ވަރަށް މޮޅަށް ކުޅެފި. ފުރަތަމަ މެޗުން ބަލިވުމުން އަމާޒުވީ ފާޑުކިޔުންތަކަށް ރައްދު ދިނީ މެސީ. ޓީމަށް އިތުބާރު ކުރަން އޭނާ ބުނި. އޭނާ އެކަން ސާބިތުވެސް ކޮށްދީފި" ކަފޫ ބުންޏެވެ.
އާޖެންޓީނާގެ އެންމެ ވަރުގަދައީ ކޮން ޑިޕާޓްމަންޓެއްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ރިވާލްޑޯ ބުނީ އެންމެ ވަރުގަދައީ ޑިފެންސް ކަމަށެވެ. "ޑިފެންސް. ޑިފެންސް ފެންނަނީ އެކަތިގަނޑެއްގެ ގޮތުގައި ވަރަށް ބަދަހިކޮށް ވަރުގަދަކޮށް. އަހަރެންގެ ނަޒަރުގައި މިރޭ ފްރާންސަށް ލަނޑުޖަހަން ފަސޭހައެއް ނުވާނެ" ކަފޫ ބުންޏެވެ.
ބްރެޒިލްގެ ކުރީގެ ތަރިންނާއި މިހާރުގެ ތަރިންގެ ތާއިދު މެސީ އާއި އާޖެންޓީނާއަށް އޮތްއިރު 1998 ވަނަ އަހަރުގެ ވަރލްޑް ކަޕް ފައިނަލުން ބްރެޒިލް ބަލިވީ ފްރާންސް އަތުންކަން ފާހަގަ ކޮށްލެވެއެވެ. އަދި 2006 ގެ ވަރލްޑް ކަޕް ކުއާޓާފައިނަލުން ބްރެޒިލް ކެޓީވެސް ފްރާންސް އަތުންނެވެ.