މާލޭ އަތޮޅުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްްޤީކުރާ، ކުޑަގިރި ސާފުކުރުމުގެ މަސައްކަތަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ނުކުމެއްޖެއެވެ. ސިފައިންގެ މި މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް، މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ވަނީ މިއަދު އެ ރަށަަށް ޒިޔާރަތްކުރައްވާފައިވެއެވެ.

މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގެ ސިފައިންނާއި، އެމްޑީޔޫ 1، އެމްޑީޔޫ 2، އެމްޑީޔޫ 3، އެމްޑީޔޫ 4، އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާނެއެވެ.

މި ހަރަކާތުގައި ކުޑަގިރީގެ މޫދު ސަރަހައްދާއި ރަށު ތެރެ ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.