ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ. މި އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން އަދި ކަމާ ބެހޭ އެހެން އިދާރާތައް ބައިވެރިވެއެވެ.

މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެކުލަވާލެވުނު ޖޮއިންޓް ޓާސްކް ފޯހުގެ ދަށުން ހިންގާ އޮޕަރޭޝަނެކެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ.

މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑު އަންނަ ޖެނުއަރީ 18 އާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މި ކޮޅިގަނޑުގެ ސަބަބުން އާންމުކޮށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް ވަނީ އަންގާފައެވެ.

މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ޓާސްކް ފޯހުގައި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވަރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މޫސުން ގޯސް މި ދަނޑިވަޅުގައި ސިފައިންނެކޭ އެއްފަދައިން ފުލުހުންވެސް މާލެއާއި އަތޮޅުތެރޭގައި ތައްޔާރަށް ތިބި ކަމަށެވެ. އަދި ޕޮލިސް ޕޯސްޓްތައް ގާއިމުކުރެވިފައި ނުވާ ރަށްރަށަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ހިދުމަތްތައް ތަރުތީބުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމިޝަނަރ ޝުޖާއު ވަނީ އާންމު ރައްޔިތުންނަށް ބައެއް އިރުޝާދުތައްވެސް ދެއްވާފައެވެ. އެގޮތުން ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެހިކަލް ނުދުއްވުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ބޯލަނބައި، އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.

މި ޖޮއިންޓް އޮޕަރޭޝަނުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވެދާނެ ކުއްލި ހާދިސާތަކަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ.

މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އުދަ އަރާނެއެވެ. އެހެންކަމުން، މޫސުމާބެހޭ އިދާރާއިން ދޭ މައުލޫމާތުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ.