ޖަޕާނުގެ ހުޅަނގު ދެކުނަށް 6.8 ބާރުމިނުގައި ބިންހެލުމެއް އައިސް އެ ސަރަހައްދުގައި ކުޑަކުޑަ ދެ ސުނާމީއެއް އައިސްފިއެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ކިޔުޝޫ ސަރަހައްދުގެ މިޔާޒާކީ ޕްރިފެކްޗާގެ އައްސޭރިފަށުން ގާތްގަނޑަކަށް 18 ކިލޯމީޓަރު ދުރުގައި 36 ކިލޯމީޓަރު އަޑިއަށް މި ބިންހެލުން އައިސްފައި ވަނީ ޖަޕާނު ގަޑިން ރޭގަނޑު 9:19 ހާއިރު ކަމަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އެއް މީޓަރާއި ހަމައަށް ސުނާމީ ރާޅު އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުން ދުރުހެލިވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

އެ ސަރަހައްދުގެ ދެ ބަނދަރަކުން ގާތްގަނޑަކަށް 20 ސެންޓިމީޓަރުގެ ކުޑަކުޑަ ދެ ސުނާމީ އިހުސާސްވި ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.

ޖަޕާންގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ލިބިފައި ނުވެއެވެ.

ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ކުރިއަށ ގެންދިޔަ އެ ސަރަހައްދުގެ ލައިވް ޓީވީ ފީޑްތަކުން ފެންނަ ގޮތުގައި ރައްޔިތުންގެ ހަރަކާތްތައް އާދަވެގެން ކުރިއަށް ދެއެއެވެ.

ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔަރ" ގެ ހުޅަނގުން މާސިންގާ ހަތަރު ޓެކްޓޮނިކް ޕްލޭޓުގެ މަތީގައި އޮންނަ ޖަޕާނަކީ ދުނިޔޭގެ އެންމެ ޓެކްޓޮނިކް ހަރަކާތް ގިނަ، ބިންހެލުން ބޮޑު އެއް ގައުމެވެ.

ގާތްގަނޑަކަށް 125 މިލިއަން މީހުން ދިރިއުޅޭ މި ޖަޒީރާ ގައުމަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 1،500 ލޮޅުން ކުރިމަތިވެއެވެ. އެއީ ދުނިޔޭގެ ބިންހެލުންތަކުގެ ގާތްގަނޑަކަށް 18 ޕަސެންޓެވެ.

2024 ވަނަ އަހަރުގެ އާ އަހަރުގެ މުނާސަބާގައި ނޯޓޯ ޕެނިންސުލާއަށް 7.5 ބާރުމިނުގައި ބިންހެލުމެއް އައެވެ. އެއީ، ޖަޕާނަށް ދިހަ އަހަރު ތެރޭގައި އައި އެންމެ ބޮޑު ބިންހެލުމެވެ. އެ ބިންހެލުމުގައި ގާތްގަނޑަކަށް 470 މީހުން މަރުވި އެވެ. އޭގެ ތެރެއިން ގިނައީ ދޮށީ އުމުރު މީހުންނެވެ.