ވެރިކަމުން ދުރުކޮށްފައިވާ ލީޑަރު ޝެއިޚް ހަސީނާ އާއި އޭނާގެ އާއިލާއާ ދެކޮޅަށް ބަންގްލަދޭޝްގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލައެއް ހުށަހަޅައިފިއެވެ. އެ މައްސަލާގައި ޙަސީނާއާއި އާއިލާގެ މެމްބަރުންނާއި އިނގިރޭސި ސަރުކާރުގެ މިނިސްޓަރަކާއި އދ.ގެ މަސްއޫލުވެރިއަކުވެސް ހިމެނެއެވެ.
މި މައްސަލަ ގުޅިފައިވަނީ ނިއުކްލިއަރ ރިއެކްޓަރެއް ބިނާ ކުރުމާއި ޑާކާގެ އަގު ބޮޑު ސަރަހައްދުން ބިންތައް އަމިއްލަ ކުރުމާއެވެ.
އެންޓިކޮރަޕްޝަންއިން ނަން ކިޔާފައިވާ މީހުންގެ ތެރޭގައި ހަސީނާގެ އިތުރުން، ހަސީނާގެ ކޮއްކޮ ގެ ދަރިފުޅު، އިނގިރޭސި ސަރުކާރުގެ އެންޓި ކޮރަޕްޝަން މިނިސްޓަރު ޓިއުލިޕް ސިއްދީގު ހިމެނެއެވެ. ޓިއުލިޕް ވަނީ ގޯހެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތު އީސްޓް އޭޝިއާގެ ވެރިޔާ އަދި ހަސީނާގެ ދަރިކަނބަލުން ސައީމާ ވާޖިދަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.
ހަސީނާގެ ދަރިކަލުން ސަޖީބު ވާޖިދު ޖޯއީގެ އިތުރުން ހަސީނާގެ ކޮއްކޮ ޝެއިޚް ރީހާނާ، (ޓިއުލިޕްގެ މަންމަ)ގެ ނަން ވެސް ހިމަނާފައި ވެއެވެ.
މިމައްސަލައަކީ، ރަޝިޔާގެ ލޯން ފައިސާގެ ނިއުކްލިއާ އިންޖީނުގެއެއް އެޅުމާ ގުޅިފައިވާ ފަސް ބިލިއަން ޑޮލަރަށް ހަސީނާގެ އާއިލާއިން ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ އެކެވެ. 12.65 ބިލިއަން ޑޮލަރުގެ ރޫޕޫރު ނިއުކްލިއާ ޕްލާންޓް ހެދުމަށް ރަޝިޔާއިން ވަނީ 90 ޕަސެންޓަށް ލޯނު ދީފައެވެ.