ހދ. ނޮޅިވަރަމް، ހިތަށްފިނިވާގޭ، ނިޝާމާ މުޙައްމަދު، 28އ، މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް، ދެންމެ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ފައިސަލް މަރުވީ މިއަދު ހެނދުނު 8:28 ގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ އޭނާގެ ސިކުނޑި އެއްކޮށް މަސައްކަތްކުރުން ހުއްޓި ޑޮކްޓަރުން އުންމީދު ކަނޑައިލައިފައިވަނިކޮށެވެ.

ނިޝާމާ މަރުވެފައި އޮއްވައި ފެނިފައިވަނީ ޑިސެމްބަރު ދިހަ ވަނަ ދުވަހުއެވެ. މަރުވެފައި އޮއްވައި ފެނިފައިވަނީ އެރަށުގައި އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރީންނެވެ. ނިޝާމާގެ މަރަށް ފަހު އޭނާ ވަނީ ފިލައިގެން ކުޅުދުއްފުއްޓަށް ގޮސްފައެވެ. ނަމަވެސް، އޭނާ ކުޅުދުއްފުށީ ޕޮލިސްސްޓޭޝަނަށް ގޮސް، ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

ފައިސަލް، އޭނާ ބަންދުކޮށްފައި ހުރި ގޮޮޅީގައި ދަންޖެހި މަރުވާން އުޅެނިކޮށް، އެކަން ހުއްޓުވައި ފުލުހުންވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. އޭނާއަށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް ދަންޖެހިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.