އިންޑިއާއާއި އިންޑޮނޭޝިއާ އިން ދަނީ ދެ ގައުމުގެ ވައިގެ ގުޅުން އިތުރު ކުރުމަށް އާ މަގުތައް ހުޅުވުމަށް ތައްޔާރު ވަމުންނެވެ. އޭގެ ތެރޭގައި އަންޑަމަންސްގެ ޕޯޓް ބްލެއަރ އާއި އިންޑޮނޭޝިއާގެ އެންމެ ހުޅަނގު ޕްރޮވިންސް އަޗޭ ގުޅުވައިލުމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ބުޑީ ކާރިޔާ ސުމަދީ ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވައި ވައިގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާތަކެއް ބާއްވާފައެވެ. އެ މަޝްވަރާތަކުގައި އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓްރީއާއި އެއަރޕޯޓްތައް ހިންގާ އެންމެ ބޮޑު ދެކުންފުނިކަމަށްވާ ޖީއެމްއާރާއި އަދަނީ ކުންފުނީގެ ވެރިން ހިމެނެއެވެ.
އިންޑޮނޭސިއާއިން ބޭނުންވަނީ ވައިގެ މަގުންނާއި ކަނޑުގެ މަގުން އިންޑިއާއާއެކު ދަތުރުފަތުރުގެ ފުރުސަތުތައް އިތުރު ކުރާށެވެ.
އިންޑޮނޭޝިއާގެ މިނިސްޓަރ ވިދާޅުވިގޮތުގައި މި ތިން ބައްދަލުވުމުންވެސް ރަނގަޅު ނަތީޖާތަކެއް ލިބުނެވެ. އަދި އިންޑިއާއިން ބޭނުންވަނީ އިންޑޮނޭޝިއާގައި އިތުރު ކަނެކްޓިވިޓީ އާއި އިންވެސްޓްމަންޓްތައް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އިންޑޮނޭޝިއާގައި ފަތުރުވެރިކަމުގެ އާ 10 މަންޒިލެއް އެބައޮތް ކަމަށާއި އެ މަންޒިލްތައް އިންޑިއާއާ ގުޅުވާލުމަށް މަސައްކަތް ކުރާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އިންޑޮނޭޝިއާ އާއި ދެކުނު އިންޑިއާއާ ދެމެދު ވެސް އިތުރު ގުޅުންތަކެއް ގާއިމް ކުރުމަށް ދެގައުމުން މަސައްކަތް ކުރާ ކަމަށްވެސް އޮފިޝަލަކު ވިދާޅުވި އެވެ. އެ ގޮތުން ޖަކާޓާ އާއި ބެންގަލޫރާއި ހައިދަރުއާބާދާ ދެމެދު ފްލައިޓް ކަނެކްޓިވިޓީ ބެލުމަށް ވެސް ދަނީ ބަލަމުން ކަމަށް މަސްއޫލުވެރިއާ ވިދާޅުވިއެވެ.