ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން ޖަޕާނަށް ކުރިމަތިވާ އެންމެ ހަރުކަށި އަދި އެންމެ އުދަނގޫ ސަލާމަތީ މާހައުލުގެ ތެރޭގައި ޖަޕާނުން ދަނީ ޗައިނާ އާއި އުތުރު ކޮރެއާގެ ނުރައްކާތަކާ ކުރިމަތި ލަމުންނެވެ.

ޖަޕާނުން ވަނީ ދިފާއީ ސިޔާސަތަށް "ބޮޑު ބަދަލެއް" ގެނައުމަށް އައު ވިސްނުމަކަށް ގޮސްފައެވެ. ޖަޕާނުގެ އާ ސްޓްރެޓެޖީގައި ރައްދު ހަމަލާ ދިނުމުގެ ގާބިލްކަން އިތުރު ކުރުމަށްޓަކައި ޒަމާންތަކެއް ވަންދެން ބޭނުން ކުރަމުން އައި ސްޓްރެޓެޖީއަށް ބަދަލު ގެނަސްފައި ވެއެވެ.

އައު ސްޓްރެޓެޖީގައި ޚާއްސަ ސަމާލުކަމެއް ދީފައިވަނީ މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކްއެއް ދެމެހެއްޓުމަށެވެ.

ޖަޕާނުން އެކުވެރި ގައުމުތަކާއި އަދި އެއް ފިކުރެއް ޙިއްސާ ކުރާ ގައުމުތަކުގެ މެދުގައި މަލްޓިލޭޔަރޑް ނެޓްވޯކެއް ބިނާކޮށް، އެކަން ފުޅާކޮށް، ނުރައްކަލާ ކުރިމަތި ލުމުގެ ޑިޓަރެންސް ހަރުދަނާ ކުރާނެ އެވެ. އެގޮތުން ޖަޕާނާއި އެމެރިކާއާއި ދެކުނު ކޮރެއާ އަދި ޖަޕާނާއި އެމެރިކާއައި އޮސްޓްރޭލިއާ ފަދަ އޮނިގަނޑުތައް ބޭނުންކޮށް އަދި ޖަޕާނުން އޮސްޓްރޭލިއާ، އިންޑިއާ، ދެކުނު ކޮރެއާ އަދި ޔޫރަޕްގެ ގައުމުތަކާއި، އާސިއަންގެ ގައުމުތަކާއި، ކެނެޑާ، ނޭޓޯ، އީޔޫ، އަދި އެހެނިހެން ގައުމުތަކާއެކު ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށްވެސް އައު ސްޓްރެޓެޖީގައި ބުނެފައި ވެއެވެ.

ޖަޕާނުން އިންޑޯ ޕެސިފިކް ސަރަޙައްދުގެ އެއް ވިސްނުމެއްގެ ޤައުމުތަކާއި އެހެން ޤައުމުތަކާއެކު ގުޅުން އިތުރުކުރުމަށް ބާރުއަޅާނީ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ޑައިލޮގްތަކާއި ބައިލެޓަރަލް ޓްރެއިނިންގތައް ބާއްވައިގެންނާއި އަސްކަރީ ތަމްރީންތަކާއި މަޢުލޫމާތު ރައްކާތެރިކުރުމުގެ އެއްބަސްވުންތަކާއި އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގެ ފަސޭހަތައް ބޭނުން ކުރުމާއި ދިފާއީ ސާމާނުތައް ގުޅިގެން އުފެއްދުމާއި ދިފާއީ ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމާއި ކެޕޭސިޓީ ބިލްޑިންގ ސަޕޯޓާއި، ސްޓްރެޓެޖިކް ކޮމިއުނިކޭޝަން، އަދި ފްލެކްސިބަލް ޑިޓަރެންޓް އޮޕްޝަންސް ހިންގުމުގެ މަގްސަދުގައެވެ.

ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ މިނިވަން އަދި ހުޅުވިފައިވާ ބައިނަލްއަޤްވާމީ ނިޒާމެއް ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރުމާއި، އެކުވެރި، އެއް ވިސްނުމެއްގެ ޤައުމުތަކާއި އެހެން ޤައުމުތަކާ ގުޅިގެން ސަރަހައްދީ ސުލްޙައާއި ހަމަޖެހުން ކަށަވަރުކުރުމަކީ ޖަޕާނަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖަޕާނުގެ މި ޤައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާއިން ދަނީ ދިފާޢީ ޚަރަދުތައް މެދުނުކެނޑި އިތުރު ކުރަމުންނެވެ. އަދި ނިއުކްލިއަރ ބާރާއި މިސައިލްގެ ޤާބިލުކަން ހިމެނޭ ގޮތަށް އަސްކަރީ ބާރު ފުޅާދާއިރާއެއްގައި އަދި ހަލުވިކަމާއެކު އިތުރުކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާއިން ވަނީ އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުތައް ހިމެނޭ ގޮތަށް ކަނޑާއި އަދި ވައިގެ ދާއިރާތަކުގައި ގަދަކަމުން ހާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރަމުންނެވެ. ޖަޕާނުގެ ސެންކާކު އައިލެންޑްސްގެ ވަށައިގެންވާ ސަރަހައްދީ ކަނޑުތަކާއި ވައިގެ ސަރަހައްދުތަކަށް ޗައިނާއިން ވަދެގަތުން ފަދަ ކަންކަން ވަނީ އިތުރު ކޮށްފައެވެ.

ޖަޕާނުގެ ކަނޑާއި ޕެސިފިކް ކަނޑާއި އެހެނިހެން ސަރަހައްދުތަކުގައި ވެސް ޖަޕާނުގެ ގައުމީ ސަލާމަތަށް އަސަރުކުރާ އަސްކަރީ ހަރަކާތްތައް ޗައިނާއިން ވަރުގަދަކޮށްފައިވާ ކަމަށްވެސް ޖަޕާނުގެ ސްޓްރެޓެޖީގެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.