ދެކުނު އޭޝިއާ އަކީ ދުނިޔޭގައި ސިޔާސީ އަދި އެނޫންވެސް އެހެން ގުޅުންތައް އެންމެ މަދު ސަރަހައްދެވެ. ދެކުނު އޭޝިއާގައި ބޯޑަރުތައް ހިއްސާކުރާ ގައުމުތަކުގެ މެދުގައި ސިޔާސީ ނުވަތަ ސިޔާސީ ނޫން މަޝްވަރާތައްވެސް ނޯންނަ ކަމަށާއި އަދި ކަންކަމުގައި އެއްބާރުލުން ދިނުން ނޯންނަ ކަމަށް ދެކުނު އޭޝިއާއަށް ޚާއްސަ ކޮށްގެން ބްރަސެލްސްގައި ހިންގާ ތިންކް ޓޭންކެއް ކަމަށްވާ ސައުތު އޭޝިއާ ޑިމޮކްރެޓިކް ފޯރަމް (އެސްއޭޑީއެފް) އިން ބުނެފި އެވެ.

އެސްއޭޑީއެފް އިން ބުނާ ގޮތުގައި ހިމާލިއާ ސަރަހައްދުތަކުގައި އުދުވާނީ ފިޔަވަޅުތަކާއި ސިޔާސަތުތަކާއި އުކުޅުތަކުގެ ސަބަބުން ގޮންޖެހުންތައް އުފެދިފައިވާ ކަމަށާއި އެ ސަރަހައްދުގައި އެއްވެސް ގުޅުމެއް ގއިމް ކުރުމުގެ ފުރުސަތު އިތުރަށް ދަނީ ދަތިވަމުންނެވެ. އެސްއޭޑީއެފް އިން ބުނާ ގޮތުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަކީ 'މަރުވެފައިވާ' އއިްތިހާދެކެވެ. އެހެންވެ، ދެކުނު އޭޝިއާ އަނެއްކާވެސް އޮތީ ހަތަރު އަނގޮޅިއަކަށް އާދެވިފައެވެ.

އަދި މިކަންކަމާ މެދު ވިސްނައިގެން ދެކުނު އޭޝިއާގެ މުސްތަގުބަލާ މެދު ވާނީ ކިހިނެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.

އެސްއޭޑީއެފްއިން ބުނިގޮތުގައި ދެކުނު އޭޝިއާގައި ޑިމޮކރެސީއާއި ޚުދު މުޚުތާރު ވެރިކަމުގެ ނިޒާމާ ދެމެދުގެ ވާދަވެރިކަމެއްވެސް އެބަ އޮތެވެ. އެގޮތުން އެއްފަރާތުގައި އޮތީ ޑިމޮކްރަސީއަށް ތާއީދުކުރާ އިކޯސިސްޓަމަކާއި ވަރުގަދަ މަލްޓިލޭޓަރަލް ސެކިއުރިޓީ އެއްބަސްވުމެއް ހިމެނޭ ގޮތަށް އެމެރިކާއާއި ބައިވެރިންނެވެ. އެކަމާ ދެކޮޅަށް އޮތީ ޗައިނާއިން އިގްތިސާދީ ބާރު ދެއްކުމެއްގައި ޖިއޮގްރަފިކަލް ގާތް ކަމުގެ ފައިދާ ނަގައިގެން ހިންގާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) އިން ސަރަހައްދުގެ ގައުމުތަކުގައި ނުފޫޒު އިތުރު ކޮށް ދެކުނު އޭޝިއާ ސަރަހައްދުގައި އަމިއްލަ މަސްލަހަތު ކަށަވަރު ކުރުމަށް ކުރާ މަސައްކަތް ކަމަށްވެސް ބުނެފައި ވެއެވެ.