އެމްޑީޕީގެ ވޯޓުލާ ދަފްތަރުވަނީ ގަޑުބަޑުވެފައި ކަމަށާއި އެހެން ކަމުން އެޕާޓީގެ ރިޔާސީ ޕްރައިމަރީ އިންސާފުވެރިވާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާާއީލަށް ފޮނުއްވި ސިޓީއެއްގައެވެ.

ރައީސް ނަޝީދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ އެންމެހޭ މެމްބަރުން އެމަނިކުފާނަށް ވޯޓު ދިނުމަށް ވެެސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުފައިވަނީ ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންގެ ތެރެއިން ސާޅީހަކަށް ހާސް މެންބަރުންނަށް ނޭނގި ވަނީ ދަފްތަރުން އުނިކޮށްފައި ކަމަށެވެ. އެހެންކަމުން ދަފްތަރު މިހާރުވަނީ ގަޑުބަޑުވެފައި ކަމަށް ވިދާޅުވެފައިވެއެވެ. "އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިއަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނޭކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ." އެސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީއާ ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން ސާޅީސް ޕަސެންޓް މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިޚާބަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއީ އެޕާޓީގެ މަސްލަހަތު ހިފެހެއްޓޭނޭ ކަމެއް ނޫންކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު އެޕާޓީގެ ވޯޓުލާ ދަފްތަރުގެ ގޮތުގައި މިހާތަނަށް ބަލަމުންއައި ދަފްތަރުގައި ހިމެނޭ މެންބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނޭކަން ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ޗެއާޕާސަން އަރިހުން އެދިވަޑައިގެންފައެވެ.