މީހުން ނާކާމިޔާބުވުމުން ގިނަ ފަހަރަށް އެމީހުންނާ ބަދު ނަސީބު ލައިގަތީކަމަށް ބުނެއެވެ. އެކަމަކު ވަރަށް އުނދަގޫ ހާލަތްތަކުގައި ވެސް ކާމިޔާބީ ހާސިލްކޮށްފައިވާ މީހުން މަދެއް ނޫނެވެ.
އިންޑިއާގެ އެންމެ އުނދަގޫ އިމްތިހާނު، ޔޫނިއަން ޕަބްލިކް ސާވިސް ކޮމިޝަން (ޔޫޕީއެސްސީ)ން ފާސްވުމަށްޓަކައި، ކެންޑިޑޭޓުން ބުރަކޮށް ކިޔަވައި އެތައް ތަމްރީނަކާއި އިމްތިހާނެއް ހަދަން ޖެހެއެވެ.މި އިމްތިހާނުތަކުން ފާސްވެ ކާމިޔާބުވާ މީހާއަށް ސިވިލް ސާވަންޓެއްގެ ގޮނޑި ލިބެއެވެ.
ކެރެލާގެ ޒުވާނާ، މުހައްމަދު އަލީ ޝިހާބުގެ ވާހަކައަކީ ދިރިއުޅުމުގައި ކުދި އަދި ބޮޑެތި ނާކާމިޔާބީތަކާ މެދު ބިރުގަންނަ މީހުންނަށް ހިތްވަރަކަށް ވާނެފަދަ ވާހަކައެކެވެ. ކުޑައިރުއްސުރެ އޭނާ ވަނީ ވަރަށް ގިނަ އުނދަގޫތަކެއް ތަހައްމަލު ކޮށްފައެވެ. ނަމަވެސް ދުވަހަކުވެސް އެއްވެސް ކަމެއްގައި ފަހަތަށް ޖެހިފައެއް ނުވެއެވެ. އަދި އޭނާ އަޒުމު ކަނޑައެޅި ސަރުކާރުގެ ވަޒީފާ ހޯދުމުގެ މަންޒިލާ ދިމާލަށް ކުރިއަށް ދިޔައެވެ.
މުހައްމަދު އަލީ ޝިހާބަކީ އަސްލު ކެރެލާގެ މައްލާޕޫރަމަށް 1980ގައި އުފަންވި މީހެކެވެ. އޭނާއަކީ ފަސް ކުދިންގެ ތެރޭން އެކަކެވެ. ޅަފަތުގެ ދުވަސްތައް އޭނާ ހޭދަކުރީ ވަރަށް ދަތި ހާލުގައެވެ.
އުމުރުން 11 އަހަރުގައި ބައްޕަ މަރުވުމުގެ ކުރިން އޭނާ ވަނީ ބައްޕައާއެކު މަގުމަތީގައި ތަރުކާރީ ވިއްކަން އުޅެފައެވެ. އެއަށްފަހު އޭނާ ގެންގުޅުމުގެ މަސްއޫލިއްޔަތު ހަވާލުވީ މަންމައާއެކު ތައުލީމެއް ނެތުމުން އަދި އެހެން ގޮތްތަކެއް ނެތުމުން މަންމަ ވަނީ ފިރިމީހާ މަރުވިތާ ދެ މަސްފަހުން ޝިހާބްއާއި އޭނާގެ ކޮއްކޮއިން ޔަތީމު ޚާނާއަކަށް ލައިފައެވެ.
ޝިހާބު، އޭނާގެ އިބްތިދާއީ އަދި ސާނަވީ ތައުލީމު ފުރިހަމަ ކުރީ ޔަތީމު ޚާނާއިން ކިޔަވައި ދީގެންނެވެ.
ޝިހާބު ބުނިގޮތުގައި ޔަތީމު ޚާނާއިން އޭނާއަށް ލިބުނީ ވަރަށް ބޭނުންވި ޑިސިޕްލިން އެކެވެ. އެތަނަކީ ވަސީލަތްތަކާއި ފުރުސަތުތައް މަދު ތަނެއްކަމުވގައި ވިނަމަވެސް އެ ގޮންޖެހުންތައް ހައްލު ކޮށްދިނީ އޭނާގެ ފޮތްތަކުންނެވެ.
އޭނާގެ ސާނަވީ އިމްތިހާނުން ފާސްވުމަށްފަހު ޓީޗިން ޑިޕްލޮމާއެއް ހާސލުކޮށް، ފަހުން ޕްރައިމަރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި ވަޒީފާއަދާކުރަން ފެށިއެވެ.
އޭނާގެ ފިރަތަމަ ވަޒީފާއަކަށް ވީ ކެރެލާ ވޯޓާ އޮތޯރިޓީގެ ޕީއޯނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބުނު ފުރުސަތެވެ. އެއާއެކު އޭނާ ޑިސްޓެންސް އެޑިއުކޭޝަން އަށް އެޕްލައި ކުރީ ކަލިކަޓް ޔުނިވާސިޓީއިން ތާރީހުގެ ދާއިރާއިން ބީއޭ ޙާސިލުކުރާށެވެ.
އެ މުއްދަތުގައި ތިން އަހަރު ދުވަސް ވަންދެން ސަރުކާރުގެ އެކި ޑިޕާޓްމަންޓްތަކުގައި ކުދި މަގާމުތަކުގައި މަސައްކަތް ކުރަމުން ތައުލީމު ކުރިއަށް ގެންދިޔައެވެ. ޔުނިވަރސިޓީން ޑިގްރީ ހާސިލު ކުރެވުނު އިރު އޭނާގެ އުމުރަކީ 27 އަހަރެވެ.
ސަރުކާރު ވަޒީފާއަކަށް ކޮލިފައިވުމުގެ މަގްސަދުގައި ޝިހާބު ވަނީ 21 އިމްތިހާނެއް ހަދައި އެއިން ފާސްވެފައެވެ. 2004 ވަނަ އަހަރު ހެދި އިމްތިހާނަކުން އޭނާ ވަނީ ރޭލްވޭ ޓިކެޓް އެގްޒެމިނަރެއްގެ ގޮތުގައި ފާސްވެފައެވެ. އަދި އެއަށްފަހު ހެދި އެހެން އިމްތިހާނަކުން ޖަލު ވޯޑަންއެއްގެ ގޮތުގައި މަސައްކަތް ކުރުމަށްވެސް އޭނާއަށް ފުރުސަތު ލިބުނެވެ.
ނިއުދިއްލީގައި ހުންނަ ޒަކާތު ފައުންޑޭޝަނުން ވަނީ ހިލޭ ކޯޗިން ހިދުމަތް ލިބޭނެ ދަރިވަރުން ހޮވުމަށް ކެރެލާގައި އެންޓްރެންސް އިމްތިހާނެއް ބާއްވާފައެވެ. ނަސީބު ދިމާކުރި ގޮތުން ޝިހާބަށް ފުރުސަތު ލިބި އޭނާއަށް ދިއްލީއަށް ބަދަލުވުމަށް ފުރުސަތު ލިބުނެވެ.
ޔޫނިއަން ޕަބްލިކް ސާވިސް ކޮމިޝަން (ޔޫޕީއެސްސީ)ގެ އިމްތިހާނަށް ތައްޔާރުވަމުން ދިޔައިރު ޝިހާބަށް އެތައް ދަތިތަކެއް ކުރިމަތިވި އެވެ. އޭނާ ވަނީ ފުރަތަމަ 2 ބުރުންވެސް ނާކާމިޔާބު ވެފައެވެ. އެކަމަކު ދޫ ދިނުމެއް ނެތި އިތުރަށް ތައްޔާރު ވަމުން ދިޔައެވެ.
ތިން ވަނަ ފަހަރު، 2011 ވަނަ އަހަރު އޭނާ ކުރި މަސައްކަތުގައި މުހައްމަދު އަލީ ޝިހާބު ވަނީ ޔޫޕީއެސްސީ އިމްތިހާނުން ފާސްވެފަ އެވެ. އޭނާ ވަނީ އޯލް އިންޑިއާ ލެވެލްގައި 226 ވަނަ ހޯދައިފަ އެވެ.