އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, އެޕާޓީގެ ދަފްތަރު ސައްހަކޮށް, ބަލަހައްޓަމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކެވީތީ އެކަމާ ހިތާމަކުރާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެކަމާ ގުޅިގެން ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެވެ. އެއީ އެ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއް ކަމަށް ވެސް އެޕާޓީން ބުންޏެވެ.

އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޕާޓީގެ ދަފްތަރުވަނީ ގަޑުބަޑުކޮށްފައި ކަމަށެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑީޕީން ބުނެފައިވަނީ ޕާޓީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ޕާޓީގެ އާއްމު މެމްބަރުން ކަމަށެވެ. ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާ އެކު އެ ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ ދިވެހި ރައްޔިތަކު ޕާޓީގެ މެމްބަރަކަށް ވުމަކީ އަބަދުވެސް އެޕާޓީން މަރުހަބާ ކިޔާނެ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ. "އެއާއެކު ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ މި ޕާޓީން އިސްކަންދޭ ކަމެކެވެ. އެމްޑީޕީއަކީ އަބަދުވެސް މި ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއެކެވެ. މި އިންތިހާބުތަކުގައި ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި މި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށެވެ." އެޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެމްބަރުކަން ބާތިލުވާނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ވަނީ “އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެ” ކަމަށް ވެސް ބުނެފައިވެއެވެ.

"އެމްޑީޕީގެ ގައުމީ މަޖިލީހަށް 29 މޭ 2022 ގައި ހުށަހެޅި ފާސްކުރެވުނު ގަރާރުގައި އޮތީ “މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި, މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ. މި ނިންމުމާ އެއްގޮތަށްވާ ގޮތުގެ މަތިން މިއަދާ ހަމައަށް ވެސް އެ މެމްބަރުން މި ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ."

ނިމިދިޔަ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭކަމަށް ވިދާޅުވެފައިވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ އ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށާއި، ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.