މަހަލްދީބު ހައްޖު އެންޑް އުމުރާއިން މި އަހަރު އުމުރާއަށްދާ އުމުރާވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްއެންޔޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ ދަތުރު ރޭވިފައިވާ ގޮތާއި، ދީނީ މަޢުލޫމާތާއި އަދި ސިއްޙީ މައުލޫމާތުވެސް ދެއްވައިފައިވެއެވެ.

މަހަލްދީބު ގުރޫޕުން ދަތުރުކުރާ އުމުރާވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 22 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. މި ދަތުރުގައި އަށްޑިހަ އެއް މީހުން ބައިވެރިވެފައިވެއެވެ.

ރޭގެ ބައްދަލުވުމުގަައި ދަތުރުގެ ރޭވިފައިވާގޮތުގެ މައުލޫމާތު ދެއްވައިފައިވަނީ މުހައްމަދު ނާޒިމްއެވެ. މިގޮތުން ފުރުން އޮތް ގޮތުގެ މައުލޫމާތާއި، ޕާސްޕޯޓާއި އަދި ލަގެޖަށް ހަދަން ޖެހޭނެ ގޮތުގެ މައުލޫމާތުގެ އިތުރުން ނާޒިމް ވަނީ މި ދަތުރުގައި ރަސްމީކޮށް ދަތުރު ރޭވިފައިވާގޮތުގެ މައުލޫމާތު ވަރަށް ތަފްސީލުކޮށް ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދީނީ މައުލޫމާތު ދެއްވައިފައިވަނީ އައްޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދެވެ. އެގޮތުން އުމުރާވެރިންނަށް ކުރުން ހަލާލު ކަންތައްތަކާއި ހަރާމް ކަންތައްތައް ޝައިޚް ކިޔައިދެއްވިއެވެ. އެކަކު އަނެކަކު ދެކެ ރުޅި ނައުމާއި، އަނިޔާވެރި ނުވުމާއި. ތައުބާވުމުގުގެ މުހިއްމު ކަމާއި، ތައުބާވުމުގައި ރަނގަޅު ނިޔަތެއްގައި އެކަން ކުރުމަށް ވެސް ޝައިޚް ނަސޭހަތްތެރިވިއެވެ.

މި ގުރޫޕުގެ އުމުރާވެރިންނަށް ސިއްހީ މައުލޫމާތު ދެއްވައިފައިވަނީ ޑރ. ޖައުޝަންއެވެ. މި ދުވަސް ވަރަކީ މައްކާގައި ތަފާތު ވައްތަރުގެ ރޯގާތައް ފެތުރޭ ދުވަސްވަރެއް ކަމަށާއި އެކަންކަމަށް ސަމާލުވެ ރައްކާތެރިވާން ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ހަމައެއާއެކު މި ދަތުރުގައި ކޮންމެހެން ބޭނުންވާނޭ ބޭސްތަކާއި ބެހޭ މައުލޫމާތުވެސް ޑޮކްޓަރުވަނީ ދެއްވައިފައެވެ.