އެމެރިކާއިން ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި އެމްއެންޑީއެފް އަށް އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ތަކުގައި ބޭނުންކުރާ އާލާތްތައް ހަދިޔާކޮށްފިއެވެ.

މި ތަކެތި ރާއްޖެއަށް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ބީ ޓެބްލިޒްއެވެ. ރާއްޖެއިން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު ރައްޒާގުއެވެ.

އެމެރިކާއިން ހަދިޔާކުރި މިތަކެއްޗަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތު އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެންސިވް ކެއަރ ޔުނިޓްގައި ބޭނުންކުރުމަށް ހަދިޔާ ކުރި ތަކެއްޗެވެ.

އައިސީޔޫގައި ބޭނުންކުރާ 40 އޮކްސިޖަން ކޮންސަންޓްރޭޓްސް ހިމެނޭ ގޮތަށް އެމެރިކާއިން ހަދިޔާ ކުރި މިތަކެތީގެ ތެރޭގައި 165000 އެމެރިކާ ޑޮލަރުގެ ސާމާނު ހިމެނެއެވެ.

އެމެރިކާއިން ކުރިން ހަދިޔާކޮށްފައިވާ ވެންޓިލޭޓަރުތަކާއެކު ބޭނުންކުރެވޭ ޕޯޓަބަލް އޮކްސިޖަން ނިޒާމުގެ ސަބަބުން ސިއްޙީ އެހީތެރިންގެ މަސައްކަތްވެސް އިތުރަށް ލުއިވެގެންދާނެ ކަމަށް އެމްބަސީން ބުނެއެވެ.

އެމްބަސީމް ބުނީ މިއެހީގެ ސަބަބުން ކޮވިޑް-19ގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވުމަށް ލުއި ލިބިގެންދާނެކަމަށެވެ.