ޤަތަރުން، ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނެ ބެލްޖިއަމް އިން ކުރި ތަހުގީގު ކުށްވެރިކޮށް ގަތަރުގެ މަސްއޫލުވެރިއަކު ވިދާޅުވީ ބެލްޖިއަމްގެ އެ ވާހަކަތަކަކީ، ޞައްޙަ ނޫން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ތަހުގީގެއް ކަމަށާއި އެފަދަ މަސައްކަތުން ދެގައުމުގެ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގައި ހުންނަ ގަތަރުގެ މިޝަންގެ ޑިޕްލޮމޭޓަކު ވަނީ ޤަތަރުގެ ނަން ކިލަނބު ކުރުމަށް ޔޫރަޕުން ކުރާ މަސައްކަތާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް ގަލްފުގެ ގައުމަކުން ފައިސާ ދިންކަމަށް ބުނެ، ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ޔޫރަޕިއަން ޕާލަމެންޓްގެ ގާނޫނު ހަދާ މަޖިލީހުގެ ނާއިބް ރައީސް އީވާ ކައިލީ އާއި އިތުރު ހަތަރު މީހަކު ހުކުރު ދުވަހު ހައްޔަރު ކުރިއެވެ.

ޤަތަރަށް ތުހުމަތުތައް ކުރެވުމާ ގުޅިގެން ބެލްޖިއަމް ސަރުކާރުން ޤަތަރާ ގުޅިގެން ކަންކަން ސާފު ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަމީ ދެރަކަމެއް ކަމަށްވެސް ޤަތަރުގެ ޑިޕްލޮމޭޓް ވިދާޅުވިއެވެ.

ޔޫރަޕިއަން ޕާލަމެންޓުން ވަނީ ޔޫރަޕިއަން ޕާލަމެންޓށް ގަތަރުގެ މަންދޫބުން ވަނުމާ ދެކޮޅަށް ވޯޓްލައި އެބޭފުޅުން އެ މުއައްސަސާއަށް ވަނުން ސަސްޕެންޑް ކޮށްފައެވެ.

އޭގެ އިތުރުން ޔޫރަޕިއަން ޕާލަމެންޓުން ވަނީ ގަތަރާ ގުޅުން ހުރި ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައްވެސް މަޑުޖައްސާލާފައެވެ.

އޭގެ ތެރޭގައި އީޔޫއަށް ދަތުރުކުރާ ގަތަރާއި ކުވައިތުގެ މީހުންނަށް ވިސާ މައާފުކުރުމާއި އީޔޫ އާއި ގަތަރުގެ ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި މަސައްކަތް ކުރުން ހުއްޓާލުންވެސް ހިމެނެއެވެ.

އޭވިއޭޝަން އެއްބަސްވުމެއް ވެސް ހިމެނެ އެވެ.

ޤަތަރުގެ ޑިޕްލޮމޭޓް ވިދާޅުވީ، ގާނޫނީ މަރުހަލާ ނިމުމުގެ ކުރިން ޤަތަރާއެކު ގުޅުން ހަނިކުރުމަށ ްކުރާ މިފަދަ ތަފާތު ކުރުމުގެ މަސައްކަތްތަކުން ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތީ އެއްބާރުލުމާއި ދުނިޔޭގެ ހަކަތައާއި ފަގީރުކަން ނައްތާލުމާއި ސަލާމަތާ ގުޅޭ މަޝްވަރާތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ނާއިބް ރައީސް ކައިލީ އަކީ އީޔޫގެ ގާނޫނު ހަދާ މަޖިލީހުގައި ބާރެއްގެ ގޮތުގައި ޕާލަމެންޓްގެ މަސްދަރުތަކުން ސިފަކުރާ ސިޔާސީ ލީޑަރެކެވެ. އެކަމަނާގެ އެހެން ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަރަބި ޕާލަމެންޓްތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ބޮޑު ތަހުގީގެއްގެ ތެރެއިން ބްރަސެލްސްގައި 16 މީހެއްގެ ގެ ބަލައިފާސްކޮށްފައިވާ ކަމަށާއި އެކަމާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

"އެތައް މަސްތަކެއް ވަންދެން ފެޑެރަލް ޖުޑީޝަލް ޕޮލިސްގެ އިންވެސްޓިގޭޓަރުންނަށް ޝައްކު ކުރެވެނީ ގަލްފްގެ ގައުމަކުން ޔޫރަޕިއަން ޕާލަމެންޓްގެ އިގްތިސާދީ އަދި ސިޔާސީ ނިންމުންތަކަށް ނުފޫޒު ފޯރުވާ ކަމަށް،" ބްރަސްލްސްގައި ޕަބްލިކް ޕްރޮސެކިއުޓަރ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ނުފޫޒު ފޯރުވާ ކަމަށް ބުނާ ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ އީޔޫގެ ސިޔާސީ ނުވަތަ ސްޓްރެޓެޖިކް މަގާމުތަކުގައި ތިބި މީހުންނަށް ގިނަ އަދަދެއްގެ ފައިސާ އާއި ބޮޑެތި ހަދިޔާތައް ދީގެން ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.