މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށް ވާޞިލްވެއްޖެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ މިއަހަރު ޖުމްލަ 1.6 މިލިޔަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާކުރާކަމަށެވެ.

ރާއްޖެއަށް 1.6 މިލިޔަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކުރައްވާފައިވަނީ މިއަދުއެވެ. އެ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ވިދާޅުވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މަރުހަބާ ވިދާޅުވުމުގެ ހަފްލާ އޮތީ މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި 1.6 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހަދިޔާ ވެސް ދެއްވާފައިވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ކަނޑައެޅި ތާރީހަށް ވުރެ ދެ މަސް ދުވަސް ކުރިން ވަނީ މި އަމާޒު ހާސިލްކޮށްފައެވެ. މިއަހަރު އައި 1.6 މިލިއަން ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 23.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މި އަމާޒަށް ވާސިލްވުމަށް ސަރުކާރުން ދަނީ ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިން އޮތް ބަޖެޓް އިތުރުކޮށް ރިސޯޓްތަކުގެ އިތުރުން ރަށްރަށާއި ގެސްޓްހައުސްތަކާއި ޔޮޓްފަހަރު އިސްތިހާރު ކުރަމުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް އެމްއެމްޕީއާރުސީން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 88 މާކެޓިން ކެމްޕެއިން، 41 ފެއާ، 06 ރޯޑްޝޯ، 10 ވާޗުއަލް އިވެންޓް، 17 ފެމިލިއަލައިޒޭޝަން ޓްރިޕް އަދި އެހެނިހެން 09 އިވެންޓް ހިމެނޭ ގޮތަށް 171 އަށް ވުރެ ގިނަ މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

މި އަމާޒަށް ވާސިލްވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މި ހަރަކާތްތަކުގެ ކާމިޔާބީގެ އެންމެ ބޮޑު ހެއްކަކީ 2022 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ މޮޅުކަމުގެ ސިފަތަކުގެ ގޮތުގައި ބަލައިގެންފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް" ގެ ލަގަބު ރާއްޖެއަށް ލިބިފައިވުމެވެ. މިއީ މި ޝަރަފުވެރި ލަގަބު ރާއްޖެއިން ހޯދި ތިން ވަނަ އަހަރެވެ.