ރާއްޖެއާއި، ޖަަޕާނާ ދެމެދު އެކިދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފައިފިއެވެ. މި މަޝްރާތައް ކުރެއްވީ ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި، އިޖްތިމާޢީ-އިޤްތިޞާދީ ދާއިރާއިންނާއި، ޞަރަޙައްދީ ސަލާމާތާއި ގުޅޭގޮތުން ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރެއްވިއެވެ. އޭގެ އިތުރުން ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުންބަދަހިކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ކުނި މެނޭޖްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި ފާއިތުވި އަހަރުތަކުގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީދާއަށް ހެޔޮއެދުންތައްވެސް ވަނީ ފޮނުއްވާފައެވެ. މި އަހަރަކީ ރާއްޖެއާއި ޖަޕާނާ ދެ ގައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރެވެ.