ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިއުސްލެޓަރ "ޢުންޞުރު" މިއަދު ތަޢާރަފް ކޮށްފިއެވެ. ޢުންޞުރު" އަކީ ޕީޖީ އޮފީހުން މުޅިން އަލަށް ފަށާ މަސައްކަތެއް ކަމަށް ޢުންޞުރުގެ ތަޢާރަފުގައި ވިދާޅުވެފައިވެއެވެ. "ޢުންޞުރު" ގެ ބޭނުމަކީ، އެ އޮފީހުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ޢާންމުންނަށް ތިލަކޮށްދެއްވުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ކުށުގެ ޢަމަލު ހިނގާ ގޮތާއި، ތަންތަނާއި، ވަގުތާއި، ކުށުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތައް ކިޔައިދީ، ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ނިއުސްލެޓަރ ގެ މުހިންމު ބޭނުމެކެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި ސުވާލު އުފެދޭ ކަންކަން ސާފުކޮށް ފިލުވައިދިނުމަކީ ވެސް މީގެ މަގުސަދެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެެއެވެ. އޭގެ އިތުރުން "ރިހާކުރު ފުޅި ވަގަށް ނެގި މީހާ ހަ އަހަރު ދުވަހަށް ޖަލަށްލީ އަޞްލު ސަބަބު ކިޔައިދެވޭތޯ ބެލުމެވެ. ޤާނޫނުތަކަށް އަންނަ ބަދަލުތަކާއި، ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކާއި، އެތަކެތިން ޢާންމު މީހާއަށް އަސަރުކުރާނެކަމަށް ފެންނަ ގޮތްތައް، ޤާނޫނީ-ނޫން ލަފްޒުތަކަކުން ކިޔައިދެވޭތޯ ބެލުމެވެ."

މި ނިއުސްލެޓަރ ނެރުމަށް ހަމަޖެހިފައިވަނީ ކޮންމެ ތިންމަހުން އެއްމަހު އެވެ. "ޢުންޞުރު" ނިއުސްލެޓަރއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 15 އަހަރުވީ ތާރީޚުގައި މުޅިން އަލަށް ފަށާ މަސައްކަތެކެވެ.

ޤާނޫނުއަސާސީ ނިޔާކުރާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ކަމަށާއި، ހަމަހަމަކަން ޤާއިމުކުރެވޭނީ ހާމަކޮށް، ހުޅުވާލެވިގެން، ދެފުށް ފެންނަ ގޮތަށް މަސައްކަތް ބައްޓަން ކޮށްގެން ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ. ޕީޖީގެ މަސައްކަތުގައި ޢާންމުންނަށާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވެވޭނީ މިދެންނެވި ހާމަކަމުގެ ތެރެއިންކަމާއި، "ޢުންޞުރު" އަކީ އެމަގަށް ވާޞިލުކޮށްދޭނެ މަގެއް ކަމަށް ވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

"ޤާނޫނީ މާނައިގައި ޢުންޞުރަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ރައްޔިތުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ މަފްހޫމެކެވެ. މީހެއްގެ މައްޗަށް ކުށެއްގެ ދަޢުވާއެއް އުފުލި، އެމީހަކަށް، އެމީހަކު ކުޅަ ޢަމަލެއްގެ ޖިނާއީ ޒިންމާ އުފުލަންޖެހޭނީ، އެމީހާ ކުރި ކަމަކީ، ޤާނޫނުގައި ކުށް ބަޔާންކުރުމަށް ހުރި ޢުންޞުރުތައް ފުރިހަމަވާ ޢަމަލެއް ނަމައެވެ. ޢުންޞުރުތައް ފުރިހަމަވޭތޯ ކަށަވަރު ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. ޢުންޞުރު ފުރިހަމަވާނަމަ ދައުވާކުރާނެއެވެ. ޢުންޞުރު ނެތްނަމަ، ދައުވާއެއް ނެތެވެ."

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ހަމަ ކޮންމެ ނިންމުމަކީ، މީހެއްގެ ނުވަތަ ބައެއްގެ ޙަޔާތާ ސީދާ ގޮތުން ގުޅިފައިވާނެ ނިންމުމެއް ކަމަށާއި "ޢުންޞުރު" ގެ ބޭނުމަކީ، އެނިންމުން ނިންމާ ގޮތާއި، ސަބަބާއި، އެކަމުގައި ބަލާނެ ކަންކަމާއި، އެކަންކަން ހިނގާނުހިނގާ ގޮތް، ޢާންމުންނަށް ކިޔައިދިނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.